ރާއްޖެއާއި ޗައިނާގެ ގުޅުމަކީ ރީތި ނަމޫނާއެއް : އެމްބެސެޑަރ ވަންގ ލިޒިން

ރާއްޖެ އާއި ޗައިނާއާ ދެމެދު އޮތް ޒަމާންވީ ގުޅުމަކީ ރީތި ނަމޫނާއެއް ކަަމަށާ، މިއީ ބޮޑު ގައުމަކާއި ކުޑަ ގައުމަކާ ގުޅުން އޮންނަންވީ ގޮތް ދައްކުވައިދޭ ރީތި މިސާލެއް ކަމަށް ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ހަރ އެކްސެލެންސީ ވަންގ ލިޒިން ވިދާޅުވެއްޖެ އެވެެ.


ސަފީރުކަމުގެ މަޤާމާ ޙަވާލުވެވަޑައިގަތުމަށް ފަހު، ރަސްމީ އިޙްތިފާލެއްގައި ބައިވެރިވެވަޑައިގެން ފުރަތަމަ ފަހަރަށް ދެއްކެވި ވާހަކަފުޅުގައި، ސަފީރު ވަންގް ލިޒިން ވިދާޅުވީ، ރާއްޖެ އާއި ޗައިނާއަކީ އަބަދުވެސް އެއް ގައުމުން އަނެއް ގައުމަށް އިހުތިރާމު ކުރާ އަދި އެއް ގައުމުން އަނެއް ގައުމަށް އެހީތެރިކަމާ މަދަދު ފޯރުކޮށްދޭ ދެ ގައުމު ކަމަށެވެ. ދެ ގައުމުގެ ގުޅުން ހަރުދަނާކަމާއެކު ދެމެހެއްޓުމުގެ އިރުޝާދުތައް ދެ ޤައުމުގެ ލީޑަރުން އަބަދުމެ ދެއްވާކަން އެކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.


ޗައިނާގެ އައު ސަފީރު މި މޭރުމުން ވާހަކަފުޅުދެއްކެވި މި އިޙްތިފާލަކީ ޗައިނާގެ 72 ވަނަ ޤައުމީ ދުވަހުގެ އިޙްތިފާލެވެ. ވާރޗުއަލްކޮށް ބޭއްވުނު މި އިޙްތިފާލްގައި ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީގެ އިސް ވެރީންގެ އިތުރުން، ރާއްޖޭގެ ޚާރިޖިއްޔާގެ އިސް ބޭފުޅުންނާ، ސިޔާސީ ޕާޓީތަކުގެ ވެރީންނާ، ނޫސްވެރީންނާ ރާއްޖޭގެ އެކި ދާއިރާތަކުގައި ޚިދުމަތްކުރައްވާ ގިނަ ޢަދަދެއްގެ ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.


ޗައިނާގެ ބެލްޓް އެންޑް ރޯޑް މަސައްކަތުގެ އޮނިގަނޑުގެ ތެރޭގައި، ދެ ގައުމަށް ވެސް ފައިދާވާ ގޮތަށް ދެމުން ގެންދާ އެއްބާރުލުމުގެ ސަބަބުން ދެ ޤައުމުގެ ރައްޔިތުންނަށްވެސް ލާބަޔާ މަންފާ ކުރާކަން އެކަމަނާގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ރާއްޖެ އަށް ކުރި ފައިދާތަކުގެ ބައެއް މިސާލުގެ ގޮތުގައި ޗައިނާއާ ގުޅިގެން ރާއްޖޭގައި ހިންގި އިންފްރާސްޓްރަކްޗާ މަޝްރޫއުތައް އެކަމަނާ ފާހަގަކުރެއްވިއެވެ. އޭގެ ތެރެއިން ވަކީން ޚާއްޞަކޮށް ސިނަމާލެ ބްރިޖް ނުވަތަ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް މިސާލަކަށް ދައްކަވަމުން އެކަމަނާ ވިދާޅުވީ، މި ބްރިޖަކީ ހަމައެކަނި ގްރޭޓަރ މާލެ އޭރިޔާގެ ޚާއްޞަ ފާހަގައެއް ނޫން ކަމަށެވެ. މިއީ ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނައި ފާލަމެއް ކަމަށެވެ. އަދި ދެ ޤައުމުގެ ގުޅުމުގެ މުހިންމުކަމުގެ ރަމްޒެއް ކަމަށެވެ.


އަންނަ އަހަރަކީ ރާއްޖެ އާއި ޗައިނާއާ ދެމެދު ސިޔާސީ ގުޅުން ގާއިމު ކުރިތާ 50 އަހަހަރު ފުރޭ އަހަރެވެ. އެ މުނާސަބާ ކުލަގަދަ ގޮތެއްގައި ފާހަގަ ކުރުމަށްޓަކައި ތަފާތު ހަރަކާތްތައް ބާއްވަން ރާއްޖެއާ އެކު މަސައްކަތްކުރަން ޗައިނާ އޮތީ ތައްޔާރަށް ކަމަށް ސަފީރު ވިދާޅުވި އެވެ.
ސަފީރުގެ ވާހަކަފުޅުގައި ވަނީ މިދިޔަ ޖުލައިމަހު ޗައިނާގެ ރައީސް ޝީ ޖިންޕިންގ އާއި ރާއްޖޭގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ފޯނު މެދުވެރިކުރައްވައި ކުރެއްވި މަޝްވަރާތަކަށް އަލިއަޅުވާލައްވާފައެވެ. ދެ ގައުމުގެ ދެމެދުގައި ކުރާ މުއާމަލާތުތައް މިހާރަށް ވުރެ އިތުރުކޮށް ހުރިހާ ދާއިރާއެއްގައިވެސް އެއްބާރުލައި ދެ ޤައުމު ގުޅިގެން އައު ކަންތައްތަކެއް ފެށެމަށް މި މަޝްވަރާތަކުގައި ދެެ ބޭފުޅުން އެއްބަސްވެވަޑައިގެންނެވި ކަމަށް އެކަމަނާ ވިދާޅުވި އެވެ.


ޗައިނާގެ ގައުމީ ދުވަސް ފާހަގަކުރަން ރާއްޖޭގައި މި ބޭއްވި ވާޗުއަލް ރަސްމިއްޔާތުގައި ރާއްޖޭގެ ޚާރިޖީވަޒީރު އަދި އދ ގެ ޢާއްމު މަޖިލީހުގެ (ޖެނެރަލް އެސެމްބްލީގެ) ރައީސް ޢަބްދުﷲ ޝާހިދު ޝަރަފްވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެން ތަޤްރީރުކުރެއްވިއެވެ.


ޗައިނާގެ ޤައުމީ ދުވަހަކީ އޮކްޓޫބަރުމަހުގެ 1 ވަނަ ދުވަހެވެ. ކޮންމެ އަހަރެއްގެ ޗައިނާ ޤައުމީ ދުވަހާ މުނާސަބުކޮށްވެސް ޗައިނާއާ ރާއްޖެ ގުޅިގެން ތަފާތު ޙަރަކާތްތައް ޗައިނާ އެމްބަސީ ރާއްޖޭގައި ހުޅުވުނު ފަހުން އަންނަނީ ބާއްވަމުންނެވެ.

ޝެޔާކުރެއްވުމަށް