ޗައިނާގެ ޤައުމީ ދުވަހު ރާއްޖޭގެ ޚާރިޖީ ވަޒީރުގެ މެސެޖް : ރާއްޖެ-ޗައިނާ ގެ ގުޅުން އިތުރަށް ބަދަހިކުރާން ބޭނުން

ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ގުޅުން އިތުރަށް ވަރުގަދަކުރަން ބޭނުންވާކަމަށް ރާއްޖޭގެ ޚާރިޖީވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޝާހިދު މިހެން ވިދާޅުވީ ޗައިނާގެ 72 ވަނަ އަހަރީ ދުވަހާއި އެގައުމުގެ އާ ސަފީރު ވަންގް ލިޖިން މަގާމާއި ހަވާލުވެވަޑައިގަތުން ފާހަގަކުރުމަށް މާލޭގައި ހުންނަ ޗައިނާ އެމްބަސީގައި ސެޕްޓެމްބަރު 26 ވަނަ ދުވަހު އޮންލައިންކޮށް ބޭއްވި ރަސްމިއްޔާތަކަށް އެމެރިކާގެ ނިއުޔޯކްގައި ހުންނަވާ ދެއްވި ވީޑިއޯ މެސެޖެއްގައެވެ.

މިނިސްޓަރ ޝާހިދު ވިދާޅުވީ ޗައިނާއާއި ގާތުން މަސައްކަތް ކުރަން ބޭނުންވާކަމަށެވެ. އަދި ރާއްޖެއިން ގެންގުޅޭ “ވަން ޗައިނާ ޕޮލިސީ” އަބަދުވެސް ދަމަހައްޓާނެކަމަށާ، ޗައިނާއާ ދިވެހިރާއްޖޭގެ ގުޅުން އަބަދުވެސް ދެމިއޮންނަނީ އެއް ބަޔަކު އަނެއް ބަޔަކަށް އިހުތިރާމްކޮށް، ހަމަހަމަކަމާއެކު މުއާމަލާތްކުރުމުގެ މައްޗަށް ކަމަށެވެ.

ޝާހިދު ވިދާޅުވީ ރާއްޖެއާއި ޗައިނާގެ މަސްލަހަތު ހިމެނޭ ކަންކަމުގައި ދެ ގައުމު ގުޅިގެން ބައިނަލްއަގުވާމީ ދުނިޔޭގައި މަސައްކަތް ކުރައްވާނެކަމަށެވެ.

މިއީ، އދ ގެ ޢާއްމު މަޖިލީހުގެ ރައީސްކަމާ ރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ޙަވާލުވެވަޑައިގަތްފަހުން، ރާއްޖޭގައި ބޭއްވި މިފަދަ ރަސްމިއްޔާތެއްގައި ދެއްވި ފުރަތަމަ ތަޤްރީރެވެ.

ވަރަށް އަވަދިނެތިވެ އުޅުއްވަމުންވެސް ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު މި އޮންލައިން ރިސެޕްޝަންގައި ބައިވެރިވެވަޑައިގެންނެވީތީ ޗައިނާގެ ސަފީރު ވަނީ އެ މަނިކުފާނަށް ޚާއްޞަ ޝުކުރެއް އަދާކުރައްވާފައެވެ. އަދި އދ ގެ ޢާއްމު މަޖިލީހުގެ ރައީސްކަމުގެ މަޤާމުގައި ޝާހިދު ހުންނަވައިގެން ކުރައްވަވާ މަސައްކަތްޕުޅުތަކަށް ޗައިނާއިން ފުރިހަމައަށް އެއްބާރުލުން ދޭނެކަމުގައި އެކަމަނާ ވަނީ ވިދާޅުވެފައެވެ.

ޝެޔާކުރެއްވުމަށް