ޗައިނާގެ 72 ވަނަ ޤައުމީ ދުވަސް : މިދިޔަ 72 އަހަރުތެރޭ ރާއްޖޭގެ ތަރައްޤީއަށް އެންމެ ބޮޑު އެހީތެރިކަމެއް ދިނީ ޗައިނާއިން

މިއަދަކީ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާގެ 72 ވަނަ ޤައުމީ ދުވަހެވެ. ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާގެ ގޮތުގައި ޗައިނާގެ ޖުމްހޫރިއްޔާ އިޢުލާނު ކުރުމުގެ މާ ކުރީންވެސް ދިވެހިރާއްޖެއާ ޗައިނާއަކީ ވިޔަފާރިއާ ސިޔާސީގޮތުންވެސް ގުޅުން ބަދަހި ދެ ޤައުމެވެ.

މީގެ 2000 އަހަރަށް ވުރެ ކުރީގެ ތާރީޚްތަކަށް ދާއިރުވެސް ޗައިނާއާ ދިވެހިރައްޖެއާ ދެމެދު ދަތުރުފަތުރު ކުރެވިފައި އެބަހުއްޓެވެ. ޗައިނާގެ ވިޔަފާރި މުދާ ވަކީން ޚާއްޞަކޮށް މުށީން އުފައްދާފައިވާ އެކި ބާވަތުގެ ތަށި ފަދަ ތަކެތި ވަރަށް ކުރީ ޒަމާނުއްސުރެ ދިވެހީންގެ ތެރޭގައި ދިޔައީ ބޭނުންކުރެވެމުންނެވެ. މި ތަށްޓަށް ދިވެހިރާއްޖޭގައި ކިޔަނީ “ސީނު ތަށި” މި ހެންނެވެ.

ޗައިނާގެ މި ޒަމާނުގެ މޮޑަން ތާރީޚް ފެށެނީ މީގެ 72 އަހަރުކުރީން 1949 ވަނަ އަހަރު އޮކްޓޫބަރުމަހު 1 ވަނަ ދުވަހު ކޮމިޔުނިސްޓް ޕާޓީގެ ޒަޢާމަތުގައި ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާގެ ބިންގާ އެޅުނު ހިސާބުންނެވެ. އެދުވަހުން ފެށިގެން ދުނިޔެއާ ޗައިނާއާ އޮތް ގުޅުން އިތުރަށް ބަދަހިވެ، ދުނިޔޭގެ ތަރައްޤީއާ ކުރިއެރުމުގައި ޗައިނާގެ ދައުރު ފުޅާވަމުން ދިޔައެވެ.

ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަން 1965 ގެ ޖުލައި 1 ވަނަ ދުވަހު ލިބި އދ ގެ ފުރިހަމަ މެންބަރަކަށް އެ އަހަރުގެ ތެރޭގައި ދިވެހިރާއްޖެ ވިއެވެ. އޭގެ 7 އަހަރުފަހުން 1972 ވަނަ އަހަރު ޗައިނާއާ ދިވެހިރާއްޖެއާ ދެމެދު ޑިޕްލޕމެޓިކް ގުޅުން ޤާއިމުކުރެވުނެވެ.

ދެ ޤައުމުގެ ދެމެދުގައި ޑިޕްލޮމެޓިކް ގުޅުން ޤާއިމުކުރެވި މިވީ 49 އަހަރުގެ ތެރޭގައި ޗައިނާގެ އެހީތެރިކަން ދިވެހީންނަށްވަނީ ވަރަށް ގިނަ ކަންކަމުގައި ވަރަށް ގިނަ ގޮތްގޮތަށް ލިބިފައެވެ.

ރާއްޖޭގައި ފެށުނު ފުރަތަމަ ސޯޝަލް ހައުސިންގ މަޝްރޫޢުކަމުގައިވާ “ސިނަމާލެ” މަޝްރޫޢު ހިންގީ ޗައިނާ ސަރުކާރުގެ އެހީތެރިކަން ލިބިގެންނެވެ. އެއީ މީގެ 30 އަހަރު ކުރިއެވެ. އޭގެފަހުން، މިއަދާ ހަމަޔަށް ދިވެހިރާއްޖޭގައި ހިނގި ސޯޝަލް ހައުސިންގ ގެ ގިނަ މަޝްރޫޢުތައް ހިންގާފައިވަނީ ޗައިނާ ސަރުކާރުގެ ބޮޑު އެހީތެރިކަމަކާ އެކުއެވެ. އޭގެ ތެރޭގައި “ސިނަމާލެ” މަޝްރޫޢުގެ ދަށުން މާލޭގައި ބިނާކުރި ފްލެޓްތަކާ، އަދި މާލެޔާ ހުޅުމާލެޔާ އަތޮޅުތަކުގައި ޗައިނާއިން ބިނާކޮށްދީފައިވާ އިތުރު ފްލެޓްތަކާ، ހިޔާ މަޝްރޫޢުގެ 25 ބުރީގެ 16 ޓަވަރުގެ 7000 ފްލެޓް ހިމެނެއެވެ. އަދި ސަރުކާރުގެ ކުންފުނިތަކުން މިހާރު ބިނާކުރަމުންދާ 8000 އަށް ވުރެ ގިނަ ފްލެޓަށް ލޯން ހަމަޖައްސައިދީ އޭގެ ގިނަ ފްލެޓްތައް ބިނާކޮށްދެމުން ދަނީވެސް ޗައިނާ ކުންފުނިތަކުންނެވެ.

ރާއްޖޭގައި ކޮށްފައިވާ ޤައުމީ ދާރުލްއާޘާރު (ނޭޝަނަލް މިޔުޒިއަމް) އަދި ނޭޝަނަލް އާކައިވްގެ ބިނާ ކޮށްދިނީ ޗައިނާ ސަރުކާރުގެ އެހީގައެވެ. ރާއްޖޭގެ ޚާރިޖީ ވުޒާރާގެ ޒަމާނީ ޗާލު ޢިމާރާތް ކޮށްދީފައިވަނީ ޗައިނާ ސަރުކާރުން ދިވެހި ރައްޔިތުންނަށް ދިން ހަދިޔާއެއްގެ ގޮތުގައެވެ.

މީގެ އިތުރުން ރާއްޖޭގައި ހިންގިފައިވާ ޢުމްރާނީ ތަރައްޤީ (އާބަން އަދި އިންފްރާސްޓްރަކްޗަރ ޑިވޮލޮޕްމަންޓް) ގެ އެންމެ ބޮޑު މަޝްރޫޢުކަމުގައިވާ މާލެއާ ހުޅުމާލެ އަދި ހުޅުލެ ގުޅުވައިދިން ބްރިޖާ އެ ބްރިޖާ ގުޅޭ ހައިވޭތަކަކީ ޗައިނާ ސަރުކާރުން ވަރަށް ޚާއްޞަ ސަމާލުކަމަކާއެކު ރާއްޖެއަށް ކޮށްދީފައިވާ އަގުހުރި މަސައްކަތްތަކެކެވެ. ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް (ސިނަމާލެ ބްރިޖް) އަކީ މުޅި ރާއްޖޭގެ އިޤްތިޞާދާ ދިރިއުޅުން ބަދަލުކޮށްލި އަގުހުރި ބިނާއެކެވެ.

ރާއްޖޭގައި މިހާތަނަށް ހިންގޭ ތަރައްޤީގެ އެންމެ ބޮޑު މަޝްރޫޢުކަމުގައިވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްޤީކުރުމުގެ 1.2 ބިލިއަން ޑޮލަރުގެ މަޝްރޫޢު ގެ ބޮޑު ބަޔަކަށް ފަންޑްކޮށްދީފައިވަނީ ޗައިނާއިންނެވެ. އަދި މި މަޝްރޫޢުގެ އެންމެ މުހިންމު ބައިކަމުގައިވާ ވެލާނާ އެއާޕޯޓްގެ އައު ރަންވޭ ބިނާކޮށްދީފައިވަނީވެސް ޗައިނާއިންނެވެ.

ރާއްޖޭގައި މިވަގުތު އޮތް އެންމެ ޒަމާނީ އެންމެ ދިގު މަގަކީ ޗައިނާ ސަރުކާރުން ދިން ހަދިޔާއެއްގެ ގޮތުގައި ލ.އަތޮޅުގައި ބިނާކޮށްދިން 17 ކިލޯމީޓަރުގެ ދިގު މަގެވެ.

ރާއްޖޭގެ އެކި ސަރަޙައްދުތަކަށް މިފަދަ އެތައް އެހީތެރިކަމެއް މިވޭތުވި ދުވަސްތަކުގައި ޗައިނާއިން ފޯރުކޮށްދީފައިވާއިރު ކޮވިޑްގެ ވަބާއާއި ގުޅިގެންވެސް ދިވެހީންނާ އަތާއަތް ގުޅާލައިގެން އެތައް ކަމެއް ޗައިނާއިން ދަނީ ފަހިކޮށްދެމުންނެވެ. އޭގެ ތެރޭގައި، 800 މީހުންގެ ޖާގައިގެ ކޮވިޑް ފެސިލިޓީއެއް ބިނާކޮށްދިނުމާ، އެތައް މިލިއަން ރުފިޔާއެއްގެ އަގުހުރި ޞިއްޙީ ސާމާނު ހަދިޔާކުރުން ހިމެނެއެވެ. ކޮވިޑް19 ގެ ވެކްސިން އެންމެ ގިނައިން ރާއްޖެއަށް ހަދިޔާކުރީވެސް ޗައިނާއިންނެވެ. އެއީ 6 ލައްކަ ޑޯޒް ވެކްސިނެވެ. އޭގެ ތެރެއިން 2 ލައްކަ ޑޯޒް ވެކްސިން މިދިޔަ މާރިޗްމަހު ރާއްޖެ ލިބިފައިވާއިރު އިތުރު 4 ލައްކަ ޑޯޒް ވެކްސިން ވަރަށް އަވަހަށް ރާއްޖެއަށް ލިބޭނެއެވެ.

ޝެޔާކުރެއްވުމަށް