ޗައިނާގެ ވެކްސިނަށް އަވަށްޓެރި ޤައުމުތަކުން މަރުޙަބާ ކިޔަނީ ކީއްވެ؟

ޗައިނާގެ ސިނޮފާމުން ކޮވިޑް19އަށް އުފައްދާފައިވާ ވެކްސިން ސިންގަޕޫރަށް ލިބުނީ މިދިޔަ އޮގަސްޓް 28 ވަނަ ދުވަހުއެވެ. ވެކްސިން ލިބުނު ފުރަތަމަ ދުވަހު، ގިނަ ކްލިނިކްތަކުގެ ވެކްސިން ސްޓޮކް އެކީ ހުސްވާ ވަރަށް މީހުން ތިބީ ވެކްސިން ޖަހަން ރަޖިސްޓްރީ ކޮށްގެންނެވެ. ވެކްސިން ލިބެން 15 ދުވަސް ކުރިއަށް އޮއްވައި، ބައެއް ކްލިނިކްތަކުން ވެކްސިން ޖަހަން އެދިގެން ރަޖިސްޓްރީވި މީހުންގެ ޢަަދަދު 400 އިން މައްޗަށް ދިޔައެވެ.

ސިންގަޕޫރުގައި މިކަން ހިނގުމުގެ ކުރީން، ތައިލެންޑުގެ ޗްލަބޯން ރޯޔަލް އެކެޑަމީއިން ސިނޮފާމް ވެކްސިން ޖެހުމުގެ ފުރަތަމަ ފިޔަވަހީގެ އޮންލައިން ރަޖިސްޓްރޭޝަން ހުޅުވައިލިއެވެ. އެންމެ 3 މިނިޓް ތެރޭ، ރަޖިސްޓްރީކުރަން އެއްފަހަރާ ބޭނުންވި މީހުން ގިނަވެ، ވެބްސައިޓަށް އޮބިނޯންނަވަރުވެ ހުއްޓުންއެރިއެވެ. ތައިލެންޑްގެ ޓްވިޓާ ޓްރެންޑިންގ ލިސްޓުގެ އެއްވަނައިގާ “ސިނޮފާމް ވެކްސިން” އެދުވަހު ވައިރަލްވެ ފެތުރިގެން ދިޔައެވެ.

އޭޝިއާގެ ޤައުމުތަކުގައި ޗައިނާ ވެކްސިންގެ މަޤްބޫލުކަން މިހައި ބޮޑީ ކީއްވެތޯ ކުރެވޭ ސުވާލުގެ ޖަވާބު ޚުލާޞާކޮށް އަންނަނިވި ނުކުތާތަކުގައި ފާހަގަކޮށްލާފައި އެވަނީއެވެ.

ފުރަތަމައަށް؛ ވެކްސިން ބޭނުންވާ ޤައުމުތަކުން އެދުނު އަވަސް މުއްދަތުގައި ބޭނުންވި މިންވަރަށް ވެކްސިން ފޯރުކޮށްދިނުމުގެ ޤާބިލްކަމެވެ. ޗައިނާގެ ރައީސް ޝީ ޖިންޕިންގ ބާރުއަޅުއްވާފައިވަނީ ” އެންމެންނަށް ޞިއްޙީ ފަރުވާ ފޯރުކޮށްދެވޭނެ ބަވަނަވަންތަ މުޖްތަމަޢެއް ބިނާކުރުމުގައި ޒިންމާދާރުވުމަށްޓަކައި، މުޅި ދުނިޔެއަށް ޗައިނާ ވެކްސިން ފޯރުކޮށްދިނުމަށާ، ވަކީން ޚާއްޞަކޮށް ތަރައްޤީވަމުން އަންނަ އެކުވެރި ޤައުމުތަކަށް އަހައްމިއްޔަތުކަން ދިނުމަށެވެ.” އަވަށްޓެރި ގިނަ ޤައުމުތަކަށް ފުރަތަމަ ލިބުނު ވެކްސިނަކަށްވީ ޗައިނާ ވެކްސިނެވެ. މިދިޔަ ބަހާރުމޫސުމަށް ފެށި އަވަށްޓެރި ގިނަ ޤައުމުތަކުގައި ކޮވިޑުގެ ވަބާ ފެތުރިގަތް ދަނޑިވަޅު އަދި ވެކްސިންގެ މުހުތާދު އެންމެ ބޮޑުވީ ވަގުތު،  ޗައިނާއިން ވެކްސިން ފޯރުކޮށްދިނުންވީ މި ވަބާއިން ދަފަރާވުމަށް ޤައުމުތަކަށް ލިބުނު ބާރަކަށް އަދި އުންމީދަކަށެވެ. މި ސަބަބަށްޓަކައި ޝްރީލަންކާއާ ފިލިޕީންސުގެ ރައީސުންނާ، ކެމްބޯޑިއާއާ ތައިލެންޑާ ލާއޯސްގެ ބޮޑުވަޒީރުން ވެކްސިންއާ ޙަވާލުވެވަޑައިގަތުމަށް އެއާޕޯޓްތަކަށް ފައިންޕުޅުއެޅުއްވިއެވެ. އަދި އެކި މުނާސަބާތަކުގައި ޗައިނާގެ އެހީތެރިކަން ފާހަގަކުރައްވައި އެކަމަށް ޝުކުރު އަދާކުރެއްވިއެވެ.

ޝްރީލަންކާގެ ރައީސް ގޮތާބަޔަ ރާޖަޕަކްސަ ވިދާޅުވީ؛ ބައެއް ޤައުމުތަކުން ޝްރީލަންކާއަށް ވެކްސިން ފޯރުކޮށްދިނުން މެދުކަނޑާލައި، އަނެއްބައި ޤައުމުތަކުން ވެކްސިން ފޯރުކޮށްދިނުން ލަސްކޮށް، އަދި ބައެއް ޤައުމުތަކުން ޝްރީލަންކާއަށް ވެކްސިން ފޯރުކޮށްދިންލެއް މަދުކަމުން ބަލިފެތުރުމަށް ޙައްލެއް ނުހޯދި ނާޒުކު އަދި އުނދަގޫ ޙާލަތަކަށް ޤައުމުގެ ކަންކަން ދިޔަ ވަގުތު، އިތުބާރުކުރަން ލިބުނީ ހަމައެކަނި ޗައިނާއާއި އެ ޤައުމުގެ ވެކްސިން ކަމަށެވެ. ވިއެޓްނާމްގެ ބޮޑުވަޒީރު ފަމް މިން ޗިން ވިދާޅުވީ؛ “އެންމެ ރަނގަޅު ވެކްސިނަކީ އެންމެ އަވަހަށް ދޭން ލިބޭ ވެކްސިން” ކަމަށެވެ. ތައިލެންޑްގެ ބޮޑުވަޒީރުގެ ނާއިބު އަދި ހެލްތު މިނިސްޓަރު އަނޫތިން ޗާންވިރޭކުލް ތަކުރާރުކޮށް ވިދާޅުވާގޮތުގައި؛ ޗައިނާގެ އަމިއްލަ ބޭނުންތަކަށް ފުދޭނެ ވެކްސިން އުފެއްދިފައި ނެތީސް އަދި ޗައިނާގައި ވެކްސިން ޖަހަން ބޭނުންވެފައި އެތައްބަޔަކު ތިއްބައިވެސް، ޗައިނާއިން ތައިލޭންޑަށް ވެކްސިން ފޯރުކޮށްދިނުމަކީ، އަވަހަށް ވެކްސިން ބޭނުންވެގެން ތައިލެންޑުން އުޅުނު ވަގުތު ލިބުނު ވަރަށް ބޮޑު ލުޔެކެވެ.

ދެވަނައަށް؛ ޗައިނާގެ ވެކްސިނަކީ ރައްކައުތެރި އަދި ބަލީން ދިފާޢުކޮށްދިނުމުގެ ބާރުހުރި ވެކްސިނެކެވެ. ޗައިނާގެ ވެކްސިންގެ ރައްކައުތެރިކަމާ ބަލީން ދިފާޢުކޮށްދިނުމުގެ ބާރު ވަނީ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ ޑަބްލިޔުއެޗްއޯ އިން ކަނޑައެޅި މިންގަނޑުތަކަށް ފެތިފައެވެ. ޗައިނާގެ ވެކްސިންގެ ސަބަބުން ގިނަ ބަޔަކު ބަލީން ސަލާމަތްވިއިރު، ބަލީގެ އެންމެ ނުރައްކައުތެރި ޑެލްޓާ ވޭރިއަންޓުންވެސް ޙިމާޔަތްކޮށްދިނެވެ.

ޗައިނާގެ ވެކްސިން ޖަހައިގެން ކުރިމަތިވީ ޞިއްޙީ އުނދަގޫތައް ވަރަށް ކުޑައެވެ. މި ވެކްސިނުން ކުރިމަތިވީކަމަށް ފާހަގަކުރެވުނު ޞިއްޙީ އުނދަގޫތައް ހުރީ އެންމެ 0.006 އިންސައްތައިގައެވެ. ވެކްސިން ޖަހައިގެން އުނދަގުލެއް ކުރިމަތިވިކަމަށް ރިޕޯޓްކޮށްފައިވަނީ ނާދިރު ޙާލަތެއްގައެވެ. އިންޑޮނީޝިއާ، ފިލިޕީންސް، ލާއޯސް، ޕާކިސްތާން، އަދި މިނޫންވެސް އޭޝިއާގެ ގިނަ ޤައުމުތައް ހިމެނޭހެން ދުނިޔޭގެ ވަރަށް ގިނަ ޤައުމުތަކާ ސަރުކާރުތަކުގެ ވެރީން ވަރަށް ފާޅުގައި ޗައިނާ ވެކްސިން ޖެއްސެވުމަކީ މި ވެކްސިނާއިމެދު އެބޭފުޅުންނަށް ލިބިވަޑައިގެންފައިވާ އިތުބާރުގެ ހެއްކެކެވެ.

ޗައިނާގެ ސިނޮވެކް ކުންފުނީގެ ވެކްސިންއާ ގުޅޭގޮތުން ފެތުރި ތޯތޯވާހަކަތަކާއި ގުޅިގެން، މެލޭޝިއާ އާއި ތައިލެންޑްގެ ހެލްތު މިނިސްޓްރީއިން ވަނީ ޑެލްޓާ ވޭރިއަންޓްގެ ސަބަބުން ކުރިމަތިވާ ސީރިއަސް ބަލި ޙާލަތުންނާ މަރުވުމުން ސަލާމަތްކޮށްދިނުމުގައި އެހެން ބްރޭންޑްތަކުގެ ވެކްސިން ތަކެކޭ އެއްފަދައިން ސިނޮވެކް ވެކްސިނަކީވެސް ރައްކައުތެރި އަދި ބަލީން ދިފާޢުކޮށްދިނުމުގެ ބާރުހުރި ވެކްސިނެއްކަން ތަފާސްހިސާބުތަކުން ކަށަވަރުކޮށްދީފައެވެ. އަވަށްޓެރި ޤައުމުތަކުގެ ބޮޑެތި މީޑިއާތަކުންވަނީ ޗައިނާގެ ވެކްސިންތަކުގެ ނަން ދިފާޢުކޮށްފައެވެ. ބެންކޮކްޕޯސްޓް އިން ވަނީ ސިނޮވެކް ވެކްސިންގެ އިތުބާރު ގެއްލުވައިލުމަށް ބައެއް ފަރާތްތަކުން ވާހަކަތައް ފަތުރަމުންދަނީ ސިޔާސީ ސަބަބުތަކަށްޓަކައި އަދި ވިޔަފާރީގެ ފުރުޞަތު ހޯދުމަށްޓަކައި ކަމަށް ބުނެފައެވެ. ވިއެޓްނާމްޕްލަސް އިން ފާހަގަކޮށްފައިވާ ގޮތުގައި، ޗައިނާވެސް ހިމެނޭގޮތުން ވަރަށް ގިނަ ޤައުމުތަކެއްގައި ފުޅާ ދާއިރާއެއްގައި ގިނަ ބަޔަކަށް ސިނޮފާމް ވެކްސިން ދީފައިވުމުން ސާބިތުކޮށްދެނީ އެ ވެކްސިން ބަލީން ދިފާޢުކޮށްދޭ ކަމެވެ. ވަކީން ޚާއްޞަކޮށް ޑެލްޓާ ވޭރިއަންޓްގެ ނުރައްކަލުން ސަލާމަތްކޮށްދޭ ކަމެވެ.

ތިންވަނައަށް؛ ޗައިނާގެ ވެކްސިނަކީ ލާހިކު އަގެއްގައި ފަސޭހައިން ލިބޭ ވެކްސިނެކެވެ. ކޮވިޑް19އިން ސަލާމަތްކޮށްދޭނެ ވެކްސިނެއްގެ ދިރާސާކޮށް ވެކްސިން އުފެއްދުމުގައި، މުޅި ދުނިޔެއަށްވެސް އޭގެ މަންފާ ހޯދޭނެ ފަސޭހައިން ފޯރުކޮށްދެވޭނެ ގޮތަކަށް ޗައިނާއިން ގަދައަޅައި މަސައްކަތްކުރުމަށާ އަދި ތަރައްޤީވަމުން އަންނަ ޤައުމުތަކަށް އަތްފޯރާ ފަށުގައި ލިބެން ހުންނާނެ ގޮތެއް ހޯދައިދިނުމަށް ޗައިނާގެ ރައީސް ޝީ ޖިންޕިންގ ވަނީ ބާރުއަޅުއްވައިފައެވެ. ޗައިނާއާއި އަދި އެކުވެރި ޤައުމުތަކުން ވަނީ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވްގެ ދަށުން އެއްބާރުލައި، ކޮވިޑް19 ވެކްސިން ހަމަހަމަކަމާއެކު ޤައުމުތަކަށް ފޯރުކޮށްދީ، ވައިރަސް އިން ދިފާޢުވާނޭ ބަވަނަވަންތަ އައްޑަނައެއް ޤާއިމުކުރުމަށް މަސައްކަތް ފަށައިފައެވެ.

ވެކްސިން އުފެއްދުމާ ވެކްސިން ފޯރުކޮށްދިނުމުގެ ހުރިހާކަމެއްގައިވެސް، ޗައިނާއިން ޔަޤީންކަންދީ އެއްބަސްވާގޮތަށް ޢަމަލުކުރުމަށް ޚާއްޞަ ސަމާލުކަމެއް ޢަމަލީގޮތުން ޗައިނާ ވަނީ ދީފައެވެ. އެކަށީގެންވާ އަގެއްގައި ވިއްކުމާ، ވެކްސިން ރައްކައުތެރިކޮށް ބެލެހެއްޓުމުގައި ފަސޭހަވުމާ، ވެކްސިން ފޯރުކޮށްދިނުމުގައި ދަތުރުފަތުރުގެ އިންތިޒާމު ފަސޭހަވުމަކީ ޗައިނާގެ ވެކްސިނުން ބޮޑު ތަފާތެއް ދެއްކި ޚާއްޞަ ކަންތައްތަކެކެވެ. މާލީގޮތުން ބޮޑު ބުރައެއް އުފުލަން ނުޖެހި ޤައުމުތަކަށް ވެކްސިން ލިބެން ފެށުމުން، ގިނަ ބަޔަކަށް ވެކްސިން ދިނުމުގެ ފުރުޞަތު ފަހިވެ ބަލިން ރައްކައުތެރިވުން ކަށަވަރުކޮށްދެވޭ އާބާދީ ދަނީ ބޮޑުވަމުންނެވެ. ޗައިނާއިން މިހާރު 105 ޤައުމަކަށް ވެކްސިން ހަދިޔާކޮށް، 60 ޤައުމަކަށް ވެކްސިން އެކްސްޕޯޓް ކޮށްފިއެވެ. ޗައިނާއިން އެކި ޤައުމުތަކަށް މިހާތަނަށް ފޯރުކޮށްދިން ވެކްސިންގެ ޖުމްލަ 990 މިލިއަން ޑޯޒަށް ވުރެ އިތުރެވެ. ތަރައްޤީވަމުން އަންނަ ޤައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމަށްޓަކައި ބައިނަލްއަޤްވާމީ ކޮވެކްސް މަޝްރޫޢަށް 100 މިލިއަން އެމެރިކާ ޑޮލަރު ހަދިޔާކުރުމަށްވެސް ޗައިނާއިން ވަނީ ނިންމައިފައެވެ.

ވެކްސިނާ ބެހޭ ދިރާސާތައްކޮށް ވެކްސިން ތަރައްޤީކުރުމުގެ ދާއިރާ އިތުރަށް ފުޅާކޮށް ވަރުގަދަކުރުމަށްޓަކައި، ވެކްސިން އިތުރަށް އުފައްދައި ފޯރުކޮށްދިނުމުގެ މަސައްކަތުގައި ބައިވެރިވުމަށް ޤައުމުތަކަށް ފުރުޞަތު ހުޅުވާލައިގެން އެއްބާރުލުން ދީގެން ޗައިނާއިން ދަނީ މަސައްކަތްކުރަމުންނެވެ. ތަރައްޤީވަމުން އަންނަ ޤައުމުތަކަށް ވެކްސިން އުފެއްދުން އިތުރުކުރެވޭނެ ޤާބިލްކަން ހޯދައިދިނުމަށް ޗައިނާ އަބަދުމެ އޮންނަނީ ތައްޔާރަށެވެ. ޗައިނާއިން ވަނީ ވެކްސިނާ ބެހޭ ދިރާސާކޮށް ވެކްސިން ތަރައްޤީކޮށް އުފެއްދުން އިތުރުކުރުމުގައި އިންޑޮނީޝިއާ އާއި މެލޭޝިއާ އާއި ޕާކިސްތާނާއި އަދި މި ނޫން އަވަށްޓެރި އެތައް ޤައުމަކަށްވެސް ޢަމަލީ އެއްބާރުލުން ދީފައެވެ. ޗައިނާގެ ވެކްސިން އުފައްދާ ކުންފުނިތަކުން ދަނީ އެހެން ޤައުމުތަކުގެ ވެކްސިން އުފައްދާ ކުންފުނިތަކާ އެއްބާރުލައި ވެކްސިން އުފެއްދުމުގެ ޤާބިލްކަން އިތުރުކުރުމުގައި އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ކޮވިޑުގެ ވަބާ ފެތުރެން ފެށީއްސުރެ، ޗައިނާގެ ރައީސް ޝީ ޖިންޕިންގ ގެންދަވަނީ ވެކްސިން އުފެއްދުމުގައި މުޅި ދުނިޔެ އެއްބާރުލުމަށާ ޤައުމުތަކުން އެކަތިގަނޑަކަށްވެގެން ކާމިޔާބު ހޯދުމަށް ނުކުތުމަށް ބާރު އެޅުއްވުމަށް ޢަމަލީ މަސައްކަތްޕުޅުތަކެއް ކުރައްވަމުންނެވެ. އަދި މި ވަބާ ފެތުރުން ހުއްޓުވައި ކާމިޔާބީ ހޯދުމުގައި ޗައިނާއިން ހޯދަން މަސައްކަތްކުރާ ޙައްލަކީ އަދި ކުރިއަށް ނެރޭ ޙިކްމަތަކީ މުޅި އިންސާނިއްޔަތު ބައިވެރިވާ މުޖްތަމަޢެއް ބިނާކޮށް އެއްބައިވަންތަކަމާއެކު މަސައްކަތްކުރުން ކަމުގައި ވިދާޅުވެފައެވެ. ޗައިނާގެ ވެކްސިނަކީ އަމާން، ރައްކައުތެރި، އަދި ބަލީން ސަލާމަތްކޮށްދޭނެ ޤާބިލްކަން ލިބިފައިވާ، އެކަށޭނަ އަގެއްގައި ގަނެވޭ، ފަސޭހައިން ލިބޭ ވެކްސިނެކެވެ. ހަމަ ހަގީގަތުގައިވެސް ޗައިނާގެ ވެކްސިނަކީ ހުރިހާ އެންމެންގެވެސް ވެކްސިނެކެވެ.

ކޮވިޑް19ގެ ކުއްލި އަދި ޚުޠޫރަތްތެރި ގޮންޖެހުންތަކާ ކުރިމަތިލުމުގައި، ޗައިނާއާއި އަވަށްޓެރި ޤައުމުތަކުގެ ގުޅުން އިތުރަށް ބަދަހިކޮށް ވަރުގަދަކޮށްދިން ކަމަކަށް ވެކްސިންއާއި ގުޅިގެން އުފެދުނު އެއްބާރުލުމާ ގާތްކަން ވެގެން ހިނގައްޖެއެވެ. ކޮވިޑްގެ ވަބާއާއި ގުޅިގެން ކުރިމަތިލުމަށްޓަކައި، ރެޔެއް ދުވާލެއްނެތި، ކަނޑުތަކާ ފަރުބަދަތައް ހުރަސްކޮށް، އަވަށްޓެރި ޤައުމުތަކަށް ޗައިނާއިން ވެކްސިން ލިބެމުން ދިއުމަކީ އެ ޤައުމުތަކަށް ލިބުނު ބޮޑު ހިތްވަރަކާ އިތުބާރެކެވެ. ޗައިނާއިން އަބަދުވެސް އަވަށްޓެރި ޤައުމުތަކުގެ މުހުތާދުތައް ފުއްދައިދިނުމަށް ޚާއްޞަ އިސްކަމެއް ދެއެވެ. ދުޅަހެޔޮކަން އެންމެންނަށް ހޯދައިދޭނެ ބަވަނަވަންތަ މުޖްތަމަޢެއް ބިނާކުރުމުގައި ޗައިނާ އަމިއްލަ ޝައުގާއެކު އިސްނަގައެވެ. އަދި ދުނިޔޭގެ އެންމެންނަށް ފަސޭހައިން ލިބޭނެ ވެކްސިނެއް އުފައްދައި ފޯރުކޮށްދިނުމަށް ޗައިނާއިން ދީފައިވާ ޔަގީންކަން ހަގީގަތަކަށް ހެދުމަށް ޒިންމާދާރުކަމާއެކު މަސައްކަތް ކުރެއެެވެ. ވެކްސިންގެ ކަންކަމުގައި އަވަށްޓެރި ޤައުމުތަކާ އޮތް ގުޅުން އިތުރަށް ބަދަހިކުރަމުން ގެންދެއެވެ. އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިވެ، އެކަތިގަނޑެއްގެ ގޮތުގައި ތިބެ މި ވަބާގެ މައްޗަށް ކާމިޔާބު ހޯދުމަށް ހިންމަތްކުރެއެވެ.

ޝެޔާކުރެއްވުމަށް