ވާވެއި އިން ސްޕެއިންގެ މެޑްރިޑުގައި ޓެކްނޮލޮޖިކަލް ހަބެއް ހުޅުވައިފި

ދުނިޔޭގައި މިވަގުތު އޮތް މޯބައިލް ފޯނާއި ސްމާޓް ވަސީލަތްތައް އުފައްދާ އެންމެ ބޮޑު ކުންފުނި ވާވެއި (ހުއާވެއި) އިން ސްޕެއިންގެ މެޑްރިޑުގައި ޓެކްނޮޖިކަލް ހަބެއް ހުޅުވައިފިއެވެ.

ޗައިނާއަށް ނިސްބަތްވާ ވާވެއި އިން ސްޕެއިންގައި މި ހުޅުވި ހަބަކީ ސްޕެއިންގެ ޓެލެކޮމިއުނިކޭޝަން ދާއިރާގައި މަސައްކަތްކުރާ ކުންފުނިތަކަށް ޓެކްނިކަލް ސަޕޯޓު ފޯރުކޮށްދިނުމަށް ހުޅުވި ބްރާންޗެކެވެ. ވާވެއި ޔޫރަޕުގެ ރައީސް ލީ ޕެންގް ވިދާޅުވި ގޮތުގައި ސްޕެއިންގައި މި ހަބު ހުޅުވުމުގެ މައިގަނޑު ސަބަބަކީ އެގައުމުގައި މިވަގުތު ހުރި ވިޔަފާރީގެ އެކި ފުރުސަތުތަކާއި އެގައުމުން ވާވެއިއަށް ލިބެމުންދާ ތަރުހީބު ބޮޑުވުމެވެ.

މިކަމާ ގުޅިގެން މެޑްރިޑުގެ މޭޔަރު އިޒަބެލް ދިއާޒް ވިދާޅުވީ މި ހަބުގެ ސަބަބުން މެޑްރިޑުގައި 200 ވަޒީފާ އުފެދިގެންދާނެކަމަށާއި، މިއީ މުސްތަގްބަލުގައި އެސިޓީއަށް ވަރަށް ބޮޑަށް ފައިދާކުރުވަނިވި މަސައްކަތަކަށް ވެގެންދާނެ ކަމަށެވެ. އަދި މިއީ މެޑްރިޑުގެ އިގްތިސާދަށްވެސް ކުރިއެރުން އަންނާނެ ކަމެއް ކަމަށް ވިދާޅުވިއެވެ. ޔޫރަޕުގެ އެކި ގައުމުތަކުގައި މިހާރުވެސް ވާވެއިގެ 10،000 މުވައްޒަފުން އެކުންފުނީގެ އެކި ބްރާންޗްތަކުގައި ހަރާކާތްތެރިވެއެވެ. އަދި ޔޫރަޕުގެ ގިނަ ގައުމުތަކުގެ ކަސްޓަމަރުންނަށް މިހާރުވެސް ގެންދަނީ މެދުކެނޑުމެއްނެތި ޚިދުމަތް ފޯރުކޮށްދެމުންނެވެ.

ޝެޔާކުރެއްވުމަށް