ޗައިނާގައި ބައިސްކަލު އުފައްދާ ކުންފުނިތަކުން ބޮޑު ފައިދާއެއް ހޯދައިފި

2021 ވަނަ އަހަރުގެ އޯގަސްޓްމަހުގެ ނިޔަލަށް ޗައިނާގެ ބައިސްކަލު އުފައްދާ ކުންފުނިތަކުން ބޮޑު ފައިދާއެއް ހޯދާއިފިއެވެ.

އެގައުމުގެ މިނިސްޓްރީ އޮފް އިންޑަސްޓްރީ އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީ (އެމްއައިއައިޓީ) އިން ނެރެފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ބައިސްކަލު އުފައްދާ ކުންފުނިތަކުން ވަނީ މިދިޔަ އަހަރުގެ ފުރަތަމަ އަށްމަހާއި އަޅާ ބަލާއިރު 46.4% އިން ފައިދާ އިތުރުކޮށްފައެވެ.

އެ ރިޕޯޓުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި ޗައިނާގެ އެންމެ ބޮޑު ބައިސްކަލު އުފައްދާ ކުންފުނިތަކުން ވަނީ މިއަހަރުގެ އޯގަސްޓަމހުގެ ނިޔަލަށް 7.16 ބިލިއަން ޔުއާން ފައިދާގެ ގޮތުގައި ހޯދާފައެވެ. މިއީ މިދިޔަ މުޅި އަހަރުގެ ޖުމްލައަށް ބަލާނަމަވެސް 30.6% އިތުރު އަދަދެކެވެ.

މީގެ އިތުރުން އެގައުމުގެ ބެޓެރި ބައިސްކަލު އުފައްދާ ކުންފުނިތަކުންވެސް ވަނީ ފާހަގަކޮށްލެވޭ ފަދަ ކުރިއެރުމެއް ހޯދާފައެވެ. އެގޮތުން ބެޓެރި ބައިސްކަލު އުފައްދާ ކުންފުނިތަކުން ޖުމްލަ 75.03 ބިލިއަން ޔުއާން ހޯދާފައިވާއިރު މިއީ މިދިޔަ އަހަރުގެ މިމުއްދަތާ ބަލާއިރު 23.9% އިތުރު އަދެކެވެ.

ޝެޔާކުރެއްވުމަށް