އިރުގެ އަލިންނާއި ވައިން ކަރަންޓު އުފެއްދުމުގެ ޕްރޮޖެކްޓެއް ޗައިނާގައި ފަށައިފި

އިރުގެ އަލިންނާއި ވައިން ކަރަންޓު އުފެއްދުމުގެ ޕްރޮޖެކްޓެއް ޗައިނާގެ ބައެއް ހަނަފަސް ސަރަހައްދުތަކުގައި ފަށައިފިއެވެ.

އޮކްޓޫބަރު މަހުގެ ފެށިގެން ކުރިއަށްދާ މި ޕްރޮޖެކްޓަކީ ދާދިފަހުން ޗައިނާއިން އިއުލާންކޮށްފައިވާ ކާބަން ނިއުޓްރަލް އަމާޒަށް ވާސިލުވުމުގެ ގޮތުން ކުރިއަށްގެންދާ ޕްރޮޖެކްޓެކެވެ. މިކަމާ ގުޅިގެން އެގައުމުގެ ނެޝަނަލް ޑިވެލޮޕްމެންޓް އެންޑް ރިފޯމް ކޮމިޝަނުން ވިދާޅުވީ މި ޕްރޮޖެކްޓުތައް ކުރިއަށްގެންދާނީ ޗައިނާގެ މޮންގޯލިއާ ރީޖަނާއި، ގަންޒޫ، ޗިންޙާއި އަދި ނިންގށިއާ ރީޖަންގައި ކަމަށެވެ. އަދި މިއިން ކޮންމެ ސަރަހައްދެއްގައިވެސް 30 މިލިއަން ކިލޯވޮޓުގެ ކަރަންޓު އުފެއްދޭނެ ތިމާވެއްޓާ ރައްޓެހި ނިޒާމެއް ގާއިމްކުރެވޭނެއެވެ.

އެކޮމިޝަނުން އިތުރަށް ވިދާޅުވިގޮތުގައި އިރުގެ އައްޔާއި ވައި މެދުވެރިކޮށް ކަރަންޓު އުފެއްދޭނެ ނިޒާމެއް ގާއިމްކުރެވުމަކީ ހަނަފަސް ސަރަހައްދުތަކުގެ ގުދުރަތީ ނިޒާމަށް ހުރަހެއް އައުމެއް ނެތި، އެ ސަރަހައްދުތަކުގެ އިގްތިސާދު ހަރުދަނާކޮށް، ދިރުން ގެނެސް، އާބާދީތައް ބޮޑުވެ އުޖާލާވެގެންދާނެ ކަމެއް ކަމަށެވެ. ލަފާކުރެވޭ ގޮތުގައި ޗައިނާގެ އެކި ސަރަހައްދުތަކުގައި ގާއިމްކުރަން ނިންމާފައިވާ މިފަދަ ނިޒާމުތަކުން ގާތްގަނޑަކަށް 100 މިލިއަން ކިލޯވޮޓުގެ ކަރަންޓު އުފެއްދޭނެއެވެ.

ޝެޔާކުރެއްވުމަށް