ޗައިނާގެ ހާބިން ސިޓީއަކީ އެގައުމުގެ އެންމެ ފިނި އެއް ހިސާބެވެ. ހާބިން މަޝްހޫރުވެފައިވަނީ ޗައިނާގެ ”ފޮރޯޒެން ވޯލްޑް“ ގެ ގޮތުގައެވެ. އެހެން ނަމަވެސް ހާބިން އަކީ ފަތުރުވެރިންގެ މެދުގައި މަޝްހޫރު، އެތައް ގައުމެއްގެ ދަތުރުވެރިން ޒިޔާރަތްކުރާ މަޝްހޫރު މަންޒިލެކެވެ.
ހާބިންގެ އެންމެ މަގުބޫލު އެއް މަންޒިލަކީ އެ ސިޓީގައިވާ އައިސް-ސްނޯ ވޯލްޑްއެވެ. މި މަންޒިލަކީ މުޅިންހެން ގަނޑުފެނުން ފަރުމާކޮށްފައިވާ ކުޑަވަރެއްގެ ޝަހަރެކެވެ. މި ޝަހަރުގެ އިމާރާތްތައް ފަރުމާކޮށްފައި ހުންނަނީ ގަނޑުފެނުންނެވެ. މިތަނަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ގަނޑުފެނުގެ ރެސްޓޯރެންޓުތަކުން ކެއުމުގެ ފުރުސަތާއި، ދުނިޔޭގެ އެންމެ ދިގު އައިސް ސީސޯ އަށް އަރާލުމުގެ ފުރުސަތު ލިބޭނެއެވެ.
ހާބިންގެ ސަން އައިލެންޑް ސްނޯ އެކްސްޕޯއަކީވެސް ހާބިން އަށް ޒިޔާރަތްކުރާ ކޮންމެ ފަތުރުވެރިއަކުވެސް އަޖުމަ ބަލާލުން ރަނގަޅު ތަނެކެވެ. މި އެކްސްޕޯއަކީ ގަނޑުފެނުގެ އެކިއެކި ފަރުތުމާތަށް ދައްކާލުމަށް ތައްޔާރުކޮށްފައިވާ މަންޒިލެކެވެ. މިއީ ދުނިޔޭގެ އެންމެ ބޮޑު ސްނޯ ފަރުމާގެ މައުރަޒެވެ. އެހެން ނަމަވެސް ސަން އައިލެންޑް ސޮނޯ އެކްސްޕޯ މަޝްހޫރުވެފައިވަނި މުޅިން އެހެން ސަބަބަކަށެވެ. މި އެކްސްޕޯއަކީ އައިސްގެ ފަރުމާތައް ގިނަ ވަގުތެއް ވަންދެން ހުންނަ ތަނަކަށްވުމުން ވަރަށް ބޮޑަށް ފިނިކޮށްފައި ހުންނަ ތަނެކެވެ. އެހެން ކަމުން މިތާނގެ އެތެރޭގައި ވައިގެ ތެރެއަށް ފެންފޮދެއް ބުރުވާލައިފިނަމަ އެ ފެންފޮދު ވަގުތުން ގަނޑުފެނަށް ބަދަލުވެއެވެ. ފަތުރުވެރިންގެ މެދުގައި ސަން އައިލެންޑް ސްނޯ އެކްސްޕޯ މަޝްހޫރުވެފައިވަނީ މިސަބަބަށެވެ.
ހާބިންގެ ސޮންގުއާ ކޯރަކީ ފިނިމޫސުމަށް އެކަށް ގަނޑުވާ ކޯރެކެވެ. އެހެން ކަމުން ފިނި މޫސުމުގައި މި ކޯރު ބޭނުންކުރަނީ އައިސް ސްކޭޓްކުރުމަށެވެ. އަދި ފިނި މޫސުމުގައި ކުޅޭ އެކި އެކި ކުޅިވަރުތައް ކުޅުމަށެވެ. ގުދުރަތީ ގޮތުން ހެދިފައިވާ ގަނޑުފެނުގެ ކޯރެއްގައި ސްކޭޓުކޮށްލުމަކީ މަދު މީހަކަށް ނޫނީ ލިބޭނެ ފުރުސަތެއް ނޫނެވެ. ވީމާ ހާބިން އަށް ޒިޔާރަތްކުރާ ފަރާތްތަކުން ސޮންގުއާ ކޯރަށް ޒިޔާރަތްކޮށްލުމަކީ ކޮންމެހެންވެސް ކުރަންޖެހޭ ތަޖުރިބާއެކެވެ. ސޮންގުއާ ކޯރާ ވިދިގެން އޮންނަ ޔަބޫލީ ސްކީ ރިސޯޓަކީވެސް ހަމަ މިފަދަ ހިތްގައިމު މަންޒިލެކެވެ. މި ރިސޯޓުގައިވާ ބޮޑެތި ފަރުބަދަތަކުގެ މަތީގައި ސްކީ ކޮށްލައި ސްނޯ ބޯޑު ކޮށްލެވޭނެއެވެ.
ހާބިންގައިވާ މިފަދަ ރީތި ”އައިސް“ މަންޒިލުތަކަކީ ދުނިޔޭގެ މަދު ގައުމަކުން ނޫނީ ނުފެންނާނެފަދަ މަންޒިލުތަކެކެވެ.އެހެންކަމުން ފިނި މަންޒިލެއް ތަޖުރިބާކޮށްލުމުގެ ޝައުގުވެރިކަން ހުރި ކޮންމެ މީހަކުވެސް ހާބިންއަށް ޒިޔާރަތްކޮށްލުމަކީ ރަނގަޅު ތަޖުރިބާއަކަށް ވެގެން ދާނެއެވެ.