ޗައިނާގެ ވެރިރަށް ބެއިޖިންގ ގައި ޒަމާނީ ފަރުމާކުރުންތަކާ އެންމެ ފަހުގެ ޓެކްނޮލޮޖީގެ ޚިދުމަތްތަކާ އެކު 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ހުޅުވި ބެއިޖިންގ ދާޝިން އިންޓަރނޭޝަނަލް އެއާޕޯޓުގެ މަޤްބޫލުކަން އިތުރުވެ އެ އެއާޕޯޓުގެ ދަތުރުފަތުރުގެ ކާރުބާރު ބޮޑުވާން ފަށައިފިއެވެ.
ކޮވިޑް19ގެ ފުރަބަންދާއެކުވެސް މިދިޔަ 2020 ވަނަ އަހަރު ބެއިޖިންގ ދާޝިން އިންޓަރނޭޝަނަލް އެއާޕޯޓުން ވަނީ 16 މިލިއަން ދަތުރުވެރީންނަށް ޚިދުމަތްދީފައެވެ. އެތެރޭގެ އުދުހުންތަކާ ބައިނަލްއަޤްވާމީ އުދުހުންތަކުގައި އެކުޖުމްލަ 130ހާސް ފްލައިޓަށް އެއާޕޯޓުން މިދިޔަ އަހަރު ޚިދުމަތްދިނެވެ. އަދި 77ހާސް ޓަނުގެ ކާގޯ މިދިޔަ އަހަރު އެއާޕޯޓް މެދުވެރިކޮށް ވަނީ އުފުލާފައެވެ.
2019 ވަނަ އަހަރު ސެޕްޓެމްބަރުގައި އެއާޕޯޓުގެ ޚިދުމަތް ފެށީއްސުރެ 2020 ޑިސެމްބަރުގެ ނިޔަލަށް ބެއިޖިންގ ދާޝިން އިންޓަރނޭޝަނަލް އެއާޕޯޓުން މިހާތަނަށް ޚިދމަތްދިނީ އެކުޖުމްލަ 19 މިލިއަން ދަތުރުވެރީންނަށެވެ. ނަމަވެސް ކޮވިޑް19ގެ ޙާލަތުން އަރައިގަނެ ދުނިޔެ ހުޅުވި ދަތުރުފަތުރުގެ ކާރުބާރު ބޮޑުވާން ފަށާފައިވުމާއެކު މި 2021 ވަނަ އަހަރު 45 މިލިއަން ދަތުރުވެރީންނަށް އެ އެއާޕޯޓުން ޚިދުމަތް ދޭން ޖެހޭނެކަމުގައި އަންދާޒާކުރެވެއެވެ.