ކުޑަކުދީންނާ އަންހެނުންގެ ޙައްޤުތައް ރައްކައުތެރިކުރުމަށް ރާއްޖެއާ ޗައިނާ ގުޅިގެން މަސައްކަތްކުރުމަށް އުންމީދުކުރައްވާކަމުގައި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޗައިނާ ސަފީރު ހަރ އެކްސެލެންސީ ވަންގް ލިޒިން ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާ އޭޕްރީލް 18 ވަނަ ދުވަހު ހެނދުނު ބައްދަލުކުރެއްވުމަށްފަހު، ކުރައްވާފައިވާ ޓުވީޓެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދުގެ ޤައުމީ ޚިދުމަތްތައް ފާހަގަކުރައްވައި، ޗައިނާ ސަފީރުގެ މި ޓްވީޓުގައި ވަނީ، ކުޑަކުދީންނާ އަންހެނުންގެ ޙައްޤުތައް ރައްކައުތެރިކުރެއްވުމަށް ރާއްޖޭގައި އެކަމަނާ ކުރައްވަވާ މަސައްކަތްޕުޅުތަކަށް ތާރީފުކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި މި އަހަރަކީ ދެ ޤައުމުގެ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 50 އަހަރު ފުރޭ މުނާސަބާކަން ފާހަގަކުރައްވައި ޗައިނާގެ ސަފީރު ވަނީ އެ މުނާސަބާ ފާހަގަކުރުމަށް ޕްލޭންކުރެވިފައިހުރި އެކިއެކި ޕްރޮގްރާމުތަކުގެ މަޢުލޫމާތު ޙިއްސާކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ރައްޔިތުންނަށް ޗައިނާ ސަރުކާރާ ރައްޔިތުން ވެދެއްވާ ދީލަތި އެހީތެރިކަމާ ބަހައްޓަވާ ގާތްކަމަށް ޝުކުރު އަދާކުރެއްވިއެވެ.