ތިރީގައި މިވަނީ ޗައިނާގެ ސްޓޭޓް ކައުންސިލަރ އަދި ޚާރިޖީވަޒީރު ވަންގް ޔީ 2020 ވަނަ އަހަރުގެ އޮގަސްޓްމަހުގެ 5 ވަނަ ދުވަހު، ޗައިނާއާއި އެމެރިކާގެ މިހާރުގެ ގުޅުމާއި ބެހޭގޮތުން ޗައިނާގެ ޤައުމީ މީޑިއާ ޝިންހުއާ ނިއުސްއަށް ދެއްވި ޚާއްޞަ ބަސްދީގަތުމުގެ 5 ވަނަ ބަޔެވެ.
ޝިންހުއާ:
އެމެރިކާގެ ސިޔާސީ ބައެއް ފަރާތްތަކުން ޗައިނާގެ ކޮމިޔުނިސްޓް ޕާޓީއާ އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދީ، ޗައިނާގެ ރައްޔިތުންނާ އެ ޕާޓީއާ ޖައްސުވަން ދަނީ މަސައްކަތްކުރަމުން. ޗައިނާއާ އެމެރިކާގެ ޑިޕްލޮމެޓިކް ގުޅުމަށް 41 އަހަރު ފާއިތުވެ ދިޔަފަހުން، އެމެރިކާއިން މިކަމެއް ފަށައިގަނެގެން މި އުޅޭ ބޭނުމާމެދު މަނިކުފާނު ދެކެވަޑައިގަންނަވަނީ ކިހިނެއްތޯ؟
ޚާރިޖީ ވަޒީރު، ވަންގް ޔީ
އެމެރިކާގައި އަބަދުވެސް ބާރުހުރި ފަރާތްތަކަކުން މަސައްކަތް ކުރަމުންގެންދޭ ޗައިނާގެ ކޮމިޔުނިސްޓްޕާޓީގެ ލީޑަރޝިޕްގެ ދައުރަށާ، ޗައިނާގެ މާޙައުލަށް ފައްކާކޮށްގެން ހިންގަމުން ގެންދާ އިޝްތިރާކީ އުޞޫލުތަކުގެ ރާސްތާއަށް ހުށަހޮޅިގަތުމަށް. އެކަމުގެ ބޭނުން ވަރަށް ސާފު. ކުރުކޮށް ދަންނަވަންޏާ، ޗައިނާގެ ކަންކަމުގެ ތެރެއަށް ވަދެ ބާރުފޯރުވުމާ ޗައިނާގެ މުޅި ހަމަޖެހުން ގެއްލުވައިލުން.
އަންނައަހަރު އަޅުގަނޑުމެން ފާހަގަކުރާނީ ޗައިނާގެ ކޮމިޔުނިސްޓްޕާޓީގެ 100 ވަނަ އަހަރީ. މި ވޭތުވި އެއް ޤަރުނުގެ ތެރޭ ޗައިނާގެ ރައްޔިތުންގެ މައްޗަށް ޗައިނާގެ ކޮމިޔުނިސްޓްޕާޓީން ހިންގި ވެރިކަމުގައި އިސްތިޢުމާރީ ވަކިތަކާ އަޅުވެތިކަމުން ޤައުމު ނެރެ، ޤައުމަށް ޙަޤީޤީ މިނިވަންކަމާ އިސްތިޤްލާލު ގެނަސްދީފައިވާނެ. ޗައިނާގެ ކޮމިޔުނިސްޓްޕާޓީއިން ޗައިނާގެ ވެރިކަން ކުރަމުން މިދަނީ ޗައިނާގެ ވެށްޓާ ގުޅޭގޮތަށް ފައްކާކޮށްފައިވާ އިޝްތިރާކީ ނިޒާމެއްގެ ވަރުގަދަ އަދި ކާމިޔާބު ރާސްތާގައި. އެއް ޒަމާނެއްގައި ވަރަށް ފަޤީރުކޮށް އޮތް މި ޤައުމު ބަދަލުވެފައި މިވަނީ ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އިޤްތިޞާދަށް. ޗައިނާގެ ކޮމިޔުނިސްޓްޕާޓީގެ ޤިޔާދަތުގައި ޗައިނާގެ ޖީޑީޕީ އިތުރުވަމުން ދިޔަ މިންވަރަށް ބަލާއިރު، 200 ޑޮލަރުގައި މީގެ ސާޅީސް އަހަރުކުރީން އޮތްއޮތުން މިވަނީ 10000 ޑޮލަރާ ހަމަޔަށް މިއަދު އުފުލިފައި. އަދި 800 މިލިއަނަށްވުރެ ގިނަ ރައްޔިތުން ފަޤީރުކަމުން ސަލާމަތްކޮށް ފުދުންތެރިކޮށްދީފި. ކޮމިޔުނިސްޓްޕާޓީގެ ޤިޔާދަތުގައި ޗައިނާ މި ހޭދަކުރާ ޒަމާން ޗައިނާގެ ފަހުގެ ތާރީޚުގައި ލިޔާނީ، އާދަޔާޚިލާފު ބޮޑު ކާމިޔާބީއެއް ހޯދައިދިން ބާބެއްގެ ގޮތުގައި.
ހަގީގަތް ވަޒަންކުރެވޭނީ ހަމައެކަނި ކޮށްފައިހުރި ކަންކަމުން. ތާރީޚާމެދު ގޮތް ނިންމާނީ އިންސާނުން. ޗައިނާގައި އޮތް ނިޒާމު މި ގައުމަށް ކަމުދޭތޯ؟ އެހެން އެއްބަޔަކަށްވުރެވެސް ބޮޑަށް އެނގޭނީ ޗައިނާގެ ރައްޔިތުންނަށް. ހާވާރޑް ކެނެޑީ ސްކޫލުން ޗައިނާގައި ކުރި 13 އަހަރުދުވަހަށް ދެމިގެން ދިޔަ ދިރާސާތަކުން އެނގުނީ ޗައިނާގެ ކޮމިޔުނިސްޓްޕާޓީއިން ހިންގާ މަރުކަޒީ ސަރުކާރާމެދު ޗައިނާގެ %93 ރައްޔިތުން ރުހޭކަން. ހަމަ އެބީދައިން މިދިޔަ އަހަރުތަކުގައި ބައިނަލްއަޤްވާމީ އެކި ފަރާތްތަކުން ކުރިއަށް ގެންދިޔަ ޚިޔާލު ހޯދުންތަކުންވެސް ދައްކަނީ، އެންމެ މަދުމިނުން ޗައިނާގެ ރައްޔިތުންގެ %90 ސަރުކާރާމެދު އިތުބާރު ކުރާކަން. ޗައިނާގެ ކޮމިޔުނިސްޓްޕާޓީއާ ޗައިނާގެ ރައްޔިތުންނާ ދެމެދު މިއޮތް ގުޅުމަކީ މަހާއި ފެންގަނޑާއި ދެމެދު އޮންނަ ފަދަ ގުޅުމެއް. ވެއްޔާއި މުލާއި ދެމެދު އޮންނަ ފަދަ ގުޅުމެއް. މި ގަދަފަދަ ގުޅުން ކަނޑުވައިލަން މަސައްކަތްކުރާމީހުން އަމިއްލައަށް އެވަނީ ޗައިނާގެ 1.4 ބިލިއަން ރައްޔިތުންގެ ހަތުރުންނަށް.
ޗައިނާގެ ވެށްޓަށް ފައްކާކުރެވިގެން ހިންގަމުން މިގެންދާ އިޝްތިރާކީ ނިޒާމުގެ ރާސްތާއާ މެދު އަޅުގަނޑުމެންގެ ފުރިހަމަ ޔަޤީންކަން އެބައޮތް. ހަމަ އެއާއެކު، އެހެން ޤައުމުތަކުން އިޚްތިޔާރުކޮށްފައިވާ ތަރައްޤީގެ ރާސްތާތަކަށްވެސް އަޅުގަނޑުމެން އިޙްތިރާމު ކުރަމު. އަޅުގަނޑުމެންގެ އެއްވެސް ބޭނުމެއް ޝައުގެއްވެސް ނިޒާމުތަކުގެ ވާދަވެރިކަމަކަށް ދާކަށް ނުވަތަ އެއްވެސް ޤައުމަކާ ފިކުރީގޮތުން ކުރިމަތިލުމަކަށްދާކަށްވެސް ނެތް. ހަމަ އެފަދައިން، އަޅުގަނޑުމެންގެ އުންމީދުކުރަނީ ޗައިނާގެ އިޖްތިމާޢީ ނިޒާމަށާ ޗައިނާގެ ރައްޔިތުން އިޚްތިޔާރުކޮށްފައިވާ ގޮތަށް އެމެރިކާއިންވެސް އިޙްތިރާމްކުރާނޭ ކަމަށް. އަދި ދާޚިލީ ކަންކަމުގެ ތެރެއަށް ވަދެގަތުމަށް އެކުރާ ބޭކާރު މަސައްކަތް ދޫކޮށްލާނެކަމަށް. ރައީސް ޝީ ޖިންޕިންގވެސް އިޝާރާތްކުރައްވާފައިވާ ފަދައިން، ކުރިމަތިކޮށްފާނެ ހުރިހާ ގޮންޖެހުމެއްގެ މައްޗަށްވެސް ގަދަވެގަންނާނެ ނުގުޑާނެ ޢަޒުމާ، ފަންވަރާ، ގަދަފަދަ ވަޠަނީ ބާރު އަޅުގަނޑުމެންގެ އެބަހުރި. އަދި ކުރިމަތި ކުރުވާނެ ކޮންމެ ނުރައްކަލަކާ އުނދަގުލެއްގެ މައްޗަށް ގަދަވެގަންނާނެ ހިތްވަރާ، ޤާބިލްކަމާ، ޙިކްމަތް އަޅުގަނޑުމެންގެ އެބަހުރި. ކާބަފައި ޒަމާނުގެ ތާރީޚުއްސުރެ ވަރުގަދަ އުންމަތެއް ބިނާކުރުމުގެ އަމާޒަށް ޗައިނާއިން ހުއްޓުމެއް ނެތި އެކުގައި ކުރިއަށް މިދާ ދިއުމަށް ހުރަސް އަޅައި ހުއްޓުވައިލުމަކީ އެއްވެސް ޤައުމަކަށް އަދި އެެއްވެސް ފަރުދަަކަށް ކުރެވޭނެކަމެއް ނޫން.
ޝިންހުއާ:
ޗައިނާއާ ދެކޮޅަށް ޑިމޮކްރަސީގެ އައު އިއްތިޙާދެއް އުފެއްދުމަށް ޕޮމްޕެއޯ ގޮވާލައްވައި، ޕޮމްޕެއޯ އެ ވިދާޅުވާ މިނިވަންކަމާ ގޮށްމުށުބާރާ ދެ ގޮތުންކުރެ ގޮތެއް ޚިޔާރުކުރުމަށް ޤައުމުތަކަށް ވަނީ މަޖުބޫރުކުރައްވާފައި. ނަމަވެސް އަޅުގަނޑުމެންނަށް ފާހަގަވީ އެގޮވައިލެއްވުމަށް އިޖާބައެއް ދިނީ ވަރަށް މަދު ޤައުމަކުންކަން. އެމެރިކާ އެ ބޭނުންވާ ކަންތައް ޙާޞިލްކުރެވޭނެކަމަށް ދެކެވަޑައިގަންނަވަމުތޯ؟
ޚާރިޖީ ވަޒީރު، ވަންގް ޔީ
ބައިބައިވުން އުފައްދައި، ކުރިމަތިލުންތަކަށް ދާން ބާރުއެޅުމަކީ ތާރީޚުގައި މަދެއްކޮށް ހިނގާފައި ހުރި ކަންކަމެއް ނޫން. އެކަމަކު ކޮންމެ ފަހަރަކުވެސް ޢާއްމުން ނުކުމެ އެފަދަ ކަންކަމާ ނުރުހުން ފައުޅުކޮށް ހުއްޓުވައިލަނީ. 21 ވަނަ ޤަރުނުގައި، ދަގަނޑު ފަރުދާތައް ކުރަހައިގެން، އަލުންބަލުން ބައިބަހައި ބައިބައިކޮށްގެން، އެއްބަޔަކު އަނެއް ބަޔަކާ ވާދަކިޔައި ސިޔާސީ ހަނގާކޮށް، އަންޒަމާނުގެ މަކަރުބުއްދީގެ ރޭވުންތަކަށް އެނބުރިދާން ނިޔަތްގަނެގެން ބައެއްމީހުން މި އުޅޭ އުޅުން ތަޞައްވުރުކުރަންވެސް ދަތި. މިއީ އިންސާނީ ބުއްދިއަށާ ޙިކްމަތްތެރިކަމަށް ކުރާ ފުރައްސާރައެއް، ހަމަ އެއާއެކު މާޒީގެ ތެރެއަށް ސޮއްސައިލުމެއް. އަޅުގަނޑުމެންގެ މި ޒަމާނާ، ޤައުމުތަކުގެ ލަނޑުދަނޑިތަކާ މިކަންކަން ފުށުއަރާ. ޠަބީޢީ ހަމަތަކުން ބަލާއިރު މިކަމަށް މީހުންގެ ތާއީދެއް ނޯންނާނެ. ދުނިޔޭގެ ނިސްބަތުންވެސް ތާއީދުކުރާނީ މަދު ފަރާތަކުން.
އިސްތިޢުމާރާ ގޮށްމުށުބާރުން ހިންގި ވެރިކަންތަކުގެ ކިބައިން ޗައިނާ ވަނީ މިނިވަންކަން ހޯދާފައި. މިނިވަންކަމާ، ޑިމޮކްރަސީއާ، ޤާނޫނީ ވެރިކަން ހިންގުން ޗައިނާގެ ދުސްތޫރުގައި ކަނޑައެޅި ބަޔާންވެފައި އެބައޮތް. އެއީ އިޝްތިރާކީ ނިޒާމުގެ އަގުހުރި ބަހާތަކެއް. އޭގެއިތުރުން، މިނިވަންކަމުގައި އިންތަކެއްވާކަން އަޅުގަނޑުމެންވެސް ދަންނަމު. ޢިލްމާ، ބުއްދިއާ، ޤާނޫނާ، ނިޒާމާ އަދި ބައިނަލްއަޤްވާމީ ހަމަތަކަށް އިޙްތިރާމްކުރުމަކީ މިނިވަންކަމުގެ އަސާސް. ކޮވިޑް19އިން ދަފަރާވުމަށް މިކުރި މަސައްކަތުގައި، ޗައިނާގެ ރައްޔިތުން، ތަޖްރިބާކާރުންގެ އިރުޝާދުތަކަށް ތަބާވެ މާސްކުއެޅި. އެއާއެކު އެމެރިކާގެ ބައެއް ސިޔާސީ ބޭފުޅުން މިކަމާ ހަނގާކުރެއްވި. އެބޭފުޅުން ސިފަކުރެއްވީ މިއީ ގޮށްމުށުގެ ބާރު ޗައިނާގައި ހިނގާކަމާ، މިނިވަންކަމެއް ނެތްކަމުގެ މިސާލެއްގެ ގޮތުގައި. އެންމެފަހުން މިކަން އެނބުރިއައިސް މިނިމުނީ، ހަގީގަތް އައިސް އެބޭފުޅުންގެ މޫނުފުޅުމަތީ ތަފާލެއް ޖަހައިގެން.
އެންމެ އެވޭލާ ޒަމާންތަކުއްސުރެ ޗައިނާއިން ޞުލްޙަ މަސަލަސްކަމާ އެއްބައިވަންތަކަމުގެ އަގު ވަޒަންކުރޭ. އަޅުގަނޑުމެން ޤަބޫލުކުރަނީ ”ބައިބައިވުން ވާދަވެރިކަމަށް މަގުފަހިކޮށް، އޭގެ ސަބަބުން ހަމަ ނުޖެހުން އުފެދި، އޭގެ ސަބަބުން ފަޤީރުކަން ވެރިވާކަމަށް“. އެކި ފިކުރުތަކުގެ މަތީގައި ދުނިޔެ ބައިބައިކޮށްލުމަށް ކުރާ ނުރައްކައުތެރި މަސައްކަތާ ޗައިނާ އަބަދުވެސް ދެކޮޅު. އަޅުގަނޑުމެން ބޭނުންވަނީ، ހުރިހާ ފަރާތަކަށްވެސް ކާމިޔާބުލިބޭނެ އެއްބާރުލުމެއް ބައިނަލްއަޤްވާމީ ގުޅުންތަކުގެ ތެރެއިން އުފައްދަން ބާރުއަޅަން. ހުރިހާ ޤައުމަކާއެކުވެސް ރަޙްމަތްތެރިކަން ބާއްވައި އެއްބާރުލާން އަޅުގަނޑުމެން ބޭނުން. ހުރިހާ އެންމެން ބައިވެރިވާ ބަވަނަވަންތަ ވިއުގައެއް ބަށްޓަންކުރަން އަޅުގަނޑުމެން ބޭނުން. ރައީސް ޝީ ޖިންޕިންގ ގޮވާލައްވާފައިވަނީ މުޅި އިންސާނިއްޔަތު ޙިއްސާވާ މުޖްތަމަޢެއްގެ މުސްތަޤްބަލް ބިނާކުރުމަށް. މި ވަރުގަދަ އިސްނެންގެވުމުގެ އަމާޒަކީ ނިޒާމުތަކުގައި އެހުރި ތަފާތުތަކަށްވުރެ މަތީން ކަންކަން ގެންދިއުން. ސިކުނޑި ސުމަކަށް މިދާ ދިއުމުން މިންޖުވުން. ހުރިހާ ޤައުމުތަކާ ޤައުމިއްޔަތުތަކާ ޙަޟާރަތްތައް ބައިވެރިވާ އެއް އަމާޒެއް ހޯދުން. ޗައިނާ ވަރުބަލިވުމެއް ނެތި ހިންމަތްކުރަމުން ދާނީ އިންސާނިއްޔަތުގެ މި ޝަރަފުވެރި ތަޞައްވުރަށްޓަކައި.
”ޗައިނާގެ ކޮމިޔުނިސްޓްޕާޓީގެ ޤިޔާދަތުގައި ޗައިނާގެ ޖީޑީޕީ އިތުރުވަމުން ދިޔަ މިންވަރަށް ބަލާއިރު، 200 ޑޮލަރުގައި މީގެ ސާޅީސް އަހަރުކުރީން އޮތްއޮތުން މިވަނީ 10000 ޑޮލަރާ ހަމަޔަށް މިއަދު އުފުލިފައި. އަދި 800 މިލިއަނަށްވުރެ ގިނަ ރައްޔިތުން ފަޤީރުކަމުން ސަލާމަތްކޮށް ފުދުންތެރިކޮށްދީފި. ކޮމިޔުނިސްޓްޕާޓީގެ ޤިޔާދަތުގައި ޗައިނާ މި ހޭދަކުރާ ޒަމާން ޗައިނާގެ ފަހުގެ ތާރީޚުގައި ލިޔާނީ، އާދަޔާޚިލާފު ބޮޑު ކާމިޔާބީއެއް ހޯދައިދިން ބާބެއްގެ ގޮތުގައި.“ – ޚާރިޖީ ވަޒީރު ވަންގް ޔީ