ތިރީގައި މިވަނީ ޗައިނާގެ ސްޓޭޓް ކައުންސިލަރ އަދި ޚާރިޖީވަޒީރު ވަންގް ޔީ 2020 ވަނަ އަހަރުގެ އޮގަސްޓްމަހުގެ 5 ވަނަ ދުވަހު، ޗައިނާއާއި އެމެރިކާގެ މިހާރުގެ ގުޅުމާއި ބެހޭގޮތުން ޗައިނާގެ ޤައުމީ މީޑިއާ ޝިންހުއާ ނިއުސްއަށް ދެއްވި ޚާއްޞަ ބަސްދީގަތުމުގެ 4 ވަނަ ބަޔެވެ.
ޝިންހުއާ:
އެމެރިކާއިން ދާދިފަހުން މިވަނީ ހިޔުސްޓަންގައި ހުންނަ ޗައިނާގެ ކޮންސިއުލޭޓް ޖެނެރަލް ބަންދުކޮށްފައި. އެމެރިކާގެ ތުހުމަތަކީ، އެއީ ޖާސޫސުކޮށް، ފިކުރީ މުދަލުން ވައްކަންކުރާ ތަނެއްކަމަށް. ޗައިނާއިން އޭގެ ރައްދުގައި ޗަންގޑޫގައި ހުންނަ އެމެރިކާގެ ކޮންސިއުލޭޓް ޖެނެރަލް މިވަނީ ބަންދުކޮށްފައި. މިއީ ޗައިނާއާ އެމެރިކާއާ ދެމެދު ޑިޕްލޮމެޓިކް ހަނގުރާމައެއްގެ ފެށުމަށްވުމުގެ އެއްވެސް ކަންބޮޑުވުމެއް މަނިކުފާނުގެ އެބައޮތްތޯ؟
ޚާރިޖީ ވަޒީރު، ވަންގް ޔީ
ހިއުސްޓަންގައި ހުންނަ ޗައިނާގެ ކޮންސިއުލޭޓް ޖެނެރަލް އަކީ، އެމެރިކާއާ ޗައިނާއާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ޤާއިމުކުރުމަށްފަހު، އެމެރިކާގައި ހުޅުވުނު ފުރަތަމަ ކޮމްސިއުލޭޓް ޖެނެރަލް. މިއީ އަބަދުވެސް ޗައިނާއާ އެމެރިކާގެ ރަޙްމަތްތެރިކަމުގެ މުހިންމު ރަމްޒެއް. މިދިޔަ ސާޅީހަކަށް އަހަރުދުވަހުގެ ތެރޭގައި ޗައިނާއާ އެމެރިކާގެ ރައްޔިތުންގެ މެދުގައި އެކުވެރިކަމާ އެއްބާރުލުން ވަރުގަދަކޮށް ދެމެހެއްޓުމަށް ހިއުސްޓަންގެ ކޮންސިއުލޭޓް ޖެނެރަލްއިން މުހިންމު ދައުރެއް ވަނީ އަދާކޮށްފައި. ކޮވިޑް19ގެ އުނދަގޫ ޙާލަތާ ކުރިމަތިލާން ޖެހުނު ވަގުތު، މި ތަންވީ، އެމެރިކާގެ ދެކުނުބިތުގެ ސްޓޭޓްތަކުގައި ބަލި ފެތުރުނަ ނުދިނުމަށް ގުޅިގެން މަސައްކަތްކުރުމުގައި ޗައިނާއާ އެމެރިކާއާ ދެމެދު ގުޅުވައިލެވުނު ވަރަށް މުހިންމު ފާލަމަކަށް. ތާރީޚީގޮތުން ބަލާއިރުވެސް އަދި މިހާރުގެ ޙާލަތުގައިވެސް މިހާ މުހިންމު ދައުރެއް އޮތް މިފަދަ ކޮންސިއުލޭޓް ޖެނެރަލް އެއް ބަންދުކުރުމަކީ ޗައިނާއާ އެމެރިކާގެ ރައްޔިތުންގެ މެދުގައި ދެނެގަތުމާ އެއްބައިވަންތަކަން ބަދަލުކުރެވެމުން ދިޔަ ކިޑިކީއެއް ބަންދުކޮށްލުން. ދެ ޤައުމުގެ ގުޅުން ބަދަހިވަމުން ދިޔަ ދިއުމަށް ބުރޫ އަރައި، ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮތް ގާތްގުޅުމަށް މިކަމުގެ ސަބަބުން ނޭދެވޭ އަސަރުކުރާނެ. މިކަން ކުރުމަށް އެމެރިކާއިން ދެއްކި ބަހަނާތަކަކީ ޗައިނާ ބަދުނާމުކުރުމުގެ ބޭނުމުގައި ދެއްކި އޭގައި އެއްވެސް ހަގީގަތެއް އަޞްލެއް ނެތް ވާހަކަތަކެއް. އެއިން އެއްވެސް ވާހަކައަކާ ގުޅޭ އެއްވެސް ހެއްކެއް އެއިން އެކަކަށް ނުމެދެއްކޭ. އަދި އެ ދެއްކި ވާހަކަތަކުގެ އެއްވެސް ހެއްކެއް އެމީހުންކުރެ އެކަކަށްވެސް ނުމެހޯދޭ.
ތެދުތެދަށް ދަންނަވާނަމަ، އެމެރިކާއިން މި ހިންގި ބޭއިންސާފު އަދި ހަމައެއް ނެތް ޢަމަލު ޗައިނާއިން ހަޖަމެއް ނުކުރާނެ. އަޅުގަނޑުމެން އެކަމަށް ދިން ރައްދަކީ، ރަނގަޅު ހަމައެއް އޭގައި އޮތް، ޤަބޫލުކުރެވޭ އަދި ޤާނޫނީ އިންތަކަށް ފެތޭ އަދި މިބާވަތުގެ ޙާލަތްތަކުގައި ޑިޕްލޮމެޓިކް އުޞޫލުން ކަންކުރާ މިންގަނޑުތަކަށްވެސް ފެތޭ ރައްދެއް. އެމެރިކާއާ އެކު ޑިޕްލޮމެޓިކް ހަނގުރާމައެއް ފެށުމުގެ އެއްވެސް ނިޔަތެއް ޗައިނާގެ ނެތް. ސަބަބަކީ، އެކަމުން ގެއްލުންވާނީ ދެ ޤައުމުގެ ރައްޔިތުންނަށްކަމަށް ވާތީ. ޑިޕްލޮމެޓިކް ހަނގުރާމައެއް ފަށައިގެން އެމެރިކާގެ ގަދަފަދަކަމެއް ނޫން އެ ހާމަވަނީއެއް. މުޅީން އެއާ އިދިކޮޅަށް، އެކަމުން އެ ހާމަވަނީ އެމެރިކާއަށް އަމިއްލަ އިތުބާރާ ޔަގީންކަން ގެއްލިފައިވާ މިންވަރު. އެމެރިކާއިން އަދިވެސް އޮތީ ގޯސްމަގުން ހިނގަންކަމަށް ވާނަމަ، އެކަމަށް އެކަށީގެންވާ ރައްދު ދިނުމަށް ޗައިނާ އޮންނާނީ ތައްޔާރަށް.
ޝިންހުއާ:
އެމެރިކާއަށް ކުރެވެން ހުރި ހުރިހާކަމެއް ވާވޭ ކުންފުންޏާމެދު ކުރަމުންގޮސް، މިހާރު އިޢުލާނުކޮށްފައި އެވަނީ ”ތާހިރު ގައުމުތަކުގެ ކޯލިޝަން“ އެއް ޗައިނާއާ ކުރިމަތިލާން އުފައްދާކަން. ގިނަބަޔަކު ދެކެނީ މިއީ އެމެރިކާއިން ކަންބޮޑުވެ ބިރުގަނެފައި އޮތްވަރު ދޭހަކޮށްދޭ ކަންކަން ކަމަށް. މިކަން މަނިކުފާނު ނަންގަވަނީ ކޮންގޮތަކަށްތޯ؟
ޚާރިޖީ ވަޒީރު، ވަންގް ޔީ
ބުރަދަނެއް ހުރި އެއްވެސް ހެއްކެއް ދެއްކުމެއް ނެތި އެމެރިކާއިން މިވަނީ ޗައިނާގެ ޕްރައިވެޓް ކުންފުންޏަކާ ދިމާކުރަން ދުނިޔޭގެ ފެންވަރުގައި ފަށާފައި. މީ ފޮތްފޮތުގައި އެބުނާ ގަނާކުރުމުގެ މިސާލެއް. ކޮންމެ މީހަކަށްވެސް ވަރަށް ސާފުކޮށް ވަރަށް ފަސޭހައިން ދެނެގަނެވޭނެ އެމެރިކާގެ އަމާޒަކީ ސައިންސާ ޓެކްނޮލޮޖީގެ ހުރިހާކަމެއް މޮނޮޕޮލައިޒްކޮށް އަތްގަދަކުރުންކަން. އަދި މި ދާއިރާތަކުން ކުރިއެރުން ހޯދުމުގައި އެހެން ޤައުމުތަކަށް ލިބިގެންވާ ޤާނޫނީ ޙައްޤުން މަޙުރޫމްކުރުންކަން. އެމެރިކާއިން އެކުރާ ޖެއްސުމާއި ގަނާ ވަންހަނާކޮށް އޮޅުވާލެވޭނެ އެއްވެސް ގޮތެއް އެމެރިކާއަކަށް ނެތް. މިކަމުގެ ސަބަބުން ޚަރާބުވެގެން މިދަނީ ހަމައެކަނި ވިޔަފާރީގެ ހަމަހަމަ ޙައްޤުތަކުގެ ބައިނަލްއަޤްވާމީ އުޞޫލުތަކެއް ނޫން. މުޅި ދުނިޔޭގެ މިނިވަން ވިޔަފާރީގެ ބާޒާރަށްވެސް މިއީ ދެވޭ ބޮޑު ގެއްލުމެއް.
އަޅުގަނޑު ވަރަށް ބޮޑަށް ބާރުލައި އަނެއްކާވެސް ދަންނަވަން ބޭނުން، ވާވޭ އާއި އަދި އެމެރިކާއިން އަމިއްލަ އަމިއްލައަށް ފިއްތުން ކުރިމަތިކޮށްފައިވާ މި ނޫން ޗައިނާގެ ކުންފުނިތަކަކީވެސް ތުހުމަތުތަކުން ބަރީއަވެގެންވާ ކުށެއްނެތް ކުންފުނިތަކެއް. އެކުންފުނިތަކުގެ ޓެކްނޮލޮޖީއާ އުފެއްދުންތައް ބޭނުންކުރަން ރައްކައުތެރިވާނެ. އެއްވެސް ޤައުމަކަށް އެއިން އެއްވެސް ކުންފުންޏަކުން ދުއްތުރާއެއް ނުކުރޭ. މީގެ އަނެއްކޮޅުން، ’ޕްރިޒްމް‘ އާ ’އެޝެލޯން‘ ފަދަ އެތައް ފަޟީޙަތެއްގެ ފަހަތުގައި އޮތީ އެމެރިކާ. އެމެރިކާއިން ވަނީ ވަޔަޓެޕްކޮށްގެންނާ ސަވައިލެންސަށްލައިގެން، މުޅި ދުނިޔެވަށައި ދޭދޭ މުޢާމަލާތްތަކަށް ފާރަލައި ޖާސޫސްކޮށްފައި. މި ޣައިރުޤާނޫނީ ޢަމަލުތަކަކީ އެންމެން ދަންނަ ބޮޑެތި ސިއްރު. އެމެރިކާއަކީ ’ތާހިރު ދައުލަތްތަކުގެ ކޯލިޝަން‘ އެއް ޤާއިމުކުރަން ކުފޫ ހަމަވާ ބައެއް ނޫން. އެއީ އަމިއްލަ ޒާތުގައި މުޑުދާރު ދައުލަތެއް.
އިންފޮމޭޝަން ޓެކްނޮލޮޖީގެ މައްޗަށް ބަރޯސާވެ ދުނިޔެ ދެކެމުންމިދާ ސައިންސާ ޓެކްނޮލޮޖީގެ އައު އިންޤިލާބުގެ ދުވެލި ދަނީ ހަލުވިވަމުން. ޗައިނާއިން ހުރިހާ ޤައުމަކާއެކުވެސް މަސައްކަތް ކުރުމުގައި ދެމިއޮންނާނީ، ވަކި ފަރާތަކަށް ބުރަނުވާ، ހަމަހަމަކަމާއެކު ޚިދުމަތް ފޯރުކޮށްދޭ، ހުޅުވާލެވިފައިވާ ވިޔަފާރީގެ ވެށްޓެއްގައި. ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާގައި، ރައްކައުތެރިކަމާ އިތުބާރު ކަށަވަރުކޮށްދީ، ޤައުމުތައް އެކުގައި މަސައްކަތްކޮށް މުޢާމަލާތްތައް ހަރުދަނާކުރުމަށް ބާރުއެޅުމުގައި. އިތުބާރާއެކު ރަނގަޅު ފެންވަރުގައިދެވޭ އިންފޮމޭޝަން ޓެކްނޮލޮޖީގެ ޚިދުމަތުގެ ސަބަބުން، މުޅި ދުނިޔޭގެ އިޤްތިޞާދީ ޙާލަތު ރަނގަޅުކޮށް ގެއްލުންތައް ފޫބައްދައިދީ، ދުނިޔޭގެ ހުރިހާ ކަންކޮޅުތަކުގައިވެސް ޢާއްމު ފަރުދުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށްދޭ. އަޅުގަނޑުމެން އުންމީދުކުރަނީ، އެމެރިކާއިން އަމިއްލަ ފައިދާތަކެއް ނެގުމަށް އެ ގެންގުޅޭ ހަނި ވިސްނުން ދޫކޮށްލައި، އެންމެން އެއްބާރުލައިގެން މަސައްކަތްކުރުމަށް ހުޅުވައިލެވިފައިވާ ރަނގަޅު މަގަށް އަލުން އަނބުރާ ރުޖޫޢަވާނެކަމަށް.
“ ޗައިނާއިން ހުރިހާ ޤައުމަކާއެކުވެސް މަސައްކަތް ކުރުމުގައި ދެމިއޮންނާނީ، ވަކި ފަރާތަކަށް ބުރަނުވާ، ހަމަހަމަކަމާއެކު ޚިދުމަތް ފޯރުކޮށްދޭ، ހުޅުވާލެވިފައިވާ ވިޔަފާރީގެ ވެށްޓެއްގައި. ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާގައި، ރައްކައުތެރިކަމާ އިތުބާރު ކަށަވަރުކޮށްދީ، ޤައުމުތައް އެކުގައި މަސައްކަތްކޮށް މުޢާމަލާތްތައް ހަރުދަނާކުރުމަށް ބާރުއެޅުމުގައި.“ – ޚާރިޖީ ވަޒީރު ވަންގް ޔީ