ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓުގައި ޗައިނާގެ އެހީތެރިކަމާއެކު ގާއިމްކުރި އޭޕްރަން ހުޅުވައިފިއެވެ.
މި އޭޕްރަންގެ މަސައްކަތް ފަށާފައިވަނި ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ޒައާމަތުގައެވެ. އެއާޕޯޓް ތަރައްޤީކުރުމުގެ 1 ބިލިއަން ޑޮލަރުގެ ޒަމާނީ މަޝްރޫޢުގައި ހިމެނޭ މި އޭޕްރަން ހުޅުވައިދެއްވީ މޯލްޑިވްސް އެއާރޕޯޓްސް ކޮންޕެނީގެ އެމްޑީ އަދި ސީއީއޯއެވެ. ހަމަ އެހެންމެ އައިލެންޑް އޭވިއޭޝަންގެ އިސްވެރީންވެސް ވަނީ މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ.
މި އޭޕްރަން އިފްތިތާޙުކުރުމުގެ ގޮތުން އެންމެ ފުރަތަމަ ޕާކުރެވުނީ ގައުމީ އެއާލައިން މޯލްޑިވިއަންގެ މަތިންދާ ބޯޓެކެވެ. މި އޭޕްރަން ގެ މަސައްކަތްކޮށްފައިވަނީ ޗައިނާގެ ބެއިޖިންގް އާބަން ކޮންށްޓްރަކްޝަން ގުރޫޕުންނެވެ. މި އޭޕްރަން ގާއިމްކޮށްފައިވަނީ ކޯޑް-އެފް މަރުކާގެ ބޯޓާއި ކޯޑް-ސީ މަރުކާގެ ބޯޓުވެސް ބޭއްވުމަށް އެކަށޭނަ ފެންވަރަށެވެ.