ތިރީގައި މިވަނީ ޗައިނާގެ ސްޓޭޓް ކައުންސިލަރ އަދި ޚާރިޖީވަޒީރު ވަންގް ޔީ 2020 ވަނަ އަހަރުގެ އޮގަސްޓްމަހުގެ 5 ވަނަ ދުވަހު، ޗައިނާއާއި އެމެރިކާގެ މިހާރުގެ ގުޅުމާއި ބެހޭގޮތުން ޗައިނާގެ ޤައުމީ މީޑިއާ ޝިންހުއާ ނިއުސްއަށް ދެއްވި ޚާއްޞަ ބަސްދީގަތުމުގެ 3 ވަނަ ބަޔެވެ.
ޝިންހުއާ:
އަޅުގަނޑުމެންނަށް ފާހަގަކުރެވޭ ގޮތުގައި އެމެރިކާގެ މިހާރުގެ ސަރުކާރުން ޗައިނާއާ ވާހަކަދެއްކުމާ ފެޔަށްޖެހިއްޖެ. އަދި ބުނަމުން އެދަނީ ޗައިނާއާ ވާހަކަދެއްކުމަކީ ބޭކާރުކަމެއް ކަމަށް. ޕޮމްޕެއޯވެސް ދާދިފަހުން ގޮވާލައްވާފައިވަނީ، ”އިތުބާރުނުކުރެވޭ، ވާނުވާ ބަލަންޖެހޭ“ އުޞޫލު ޗައިނާއާމެދު ގެންގުޅުމަށް. މި ޢަމަލުތަކާމެދު މަނިކުފާނު ދެކެވަޑައިގަންނަވާ ގޮތަކީ ކޮބައިތޯ؟
ޚާރިޖީ ވަޒީރު، ވަންގް ޔީ
މި ޒަމާނުގެ ބައިނަލްއަޤްވާމީ ގުޅުންތަކުގައި ވާހަކަދެއްކުމަކީ މައްސަލަތައް ޙައްލުކުރުމާ އިތުބާރު އުފެއްދުމަށް އޮތް ރަނގަޅު މަގު. ކުރިމަތިލުމަކަށް ދިއުމަށްވުރެ ވާހަކަދެއްކުމަށް އިސްކަންދިނުމަކީ ހަމައެކަނި ޗައިނާގެ އުޞޫލެއް ނޫން. އެއީ ވަރަށް ގިނަ ޤައުމުތަކުން ބުރަވާގޮތް. ޗައިނާއާ އެމެރިކާއަކީ އިޖްތިމާޢީ ގޮތުން ތަފާތު ދެ ނިޒާމެެް އޮތް، ތަފާތު ޘަޤާފަތަކާ ތަފާތު ތާރީޚެއް އޮތް ބޮޑު ދެ ޤައުމު. ދެ ޤައުމުންވެސް ބޭނުންވާ ކަންތައްތަކަކާ ކަންބޮޑުވާ ކަންތައްތަކެއް އެބަހުރި. މިއީ ޠަބީޢީކަމެއް. ނަމަވެސް އެންމެ މުހިންމުކަމަކީ، އެއްވެސް ފަރާތަކުން އެއްވެސް ވަގުތެއްގައި ވާހަކަދެއްކުމަށް ހުޅުވިފައިވާ ދޮރު ބަންދުނުކުރުން. ދެ ޤައުމުގެ މެދުގައި އޮތް ޑިޕްލޮމެޓިކް ގުޅުމުގެ މައްޗަށް ގަދަވެގަތުމުގެ ޖާގަ ދެބަސްވުންތަކާ، ކުށްހީތަކާ، ވާދަވެރިކަމަށް ދީގެންނެއް ނުވާނެ.
ޗައިނާއަކީ ބޮޑު ދައުލަތެއް. ޒިންމާދާރު ދައުލަތެއް. އަޅުގަނޑުމެން މިތިބީ އެހެން ހުރިހާކަމަކަށްވުރެ އިސްކަމެއްގެ ގޮތުގައި ހުޅުވާލައިގެން. އެމެރިކާގެ ފަޅީގައި އޮތް ނުތަނަވަސްކަން ފިލުވައިދީ، އެމެރިކާ ކަންކުރާގޮތާ އުފައްދާ ކަންބޮޑުވުންތަކާ މެދު މަޑުމައިތިރިކަމާ ވިސްނުންތެރިކަމާއެކު ރައްދުދީ، އެމެރިކާއާއެކު ނަތީޖާ ނެރެވޭނެ ސާފު މަޝްވަރާތަކެއްގެ ތެރެއަށް ވަނުމަށް އަޅުގަނޑުމެން މިތިބީ ތައްޔާރަށް. ކޮންމެ ފަންތިއެއްގައިވެސް، ކޮންމެ އިރެއްގައިވެސް، ކޮންމެ ދާއިރާއަކުން ވިޔަސް އެމެރިކާއާއެކު ވާހަކަދެއްކުންތައް ފަށައިގަންނަން އަޅުގަނޑުމެން މިތިބީ ތައްޔާރަށް. މަޝްވަރާގެ މޭޒަށް ހުރިހާ މައްސަލައެއްވެސް ގެނެވޭނެ. އަޅުގަނޑުމެން ހުށަހަޅާފައިވާނީ ދެ ޤައުމުންވެސް ގެންނަ ކަންކަމުގެ ލިސްޓުގައި ތިންކަމެއް ފުރިހަމަކުރުމަށް އެއްބާރުލުން ދިނުމަށް. ވާހަކަދައްކައި މަޝްވަރާކުރުމަށް. އަދި ރަނގަޅު އުޞޫލުތަކެއް އެކަށައަޅަން ޖެހޭނެ ކަންކަން ފާހަގަކުރުމަށް. އަދި މުސްތަޤްބަލުގައި ކަންކަން ގެންދާނެ މަގުޗާޓެއް އެކުލަވައިލުމަށް. އަޅުގަނޑުމެންގެ މެސެޖު ވަރަށް ސާދާވެފައި ސާފު. އަޅުގަނޑުމެން އެމެރިކާއަށް މި ބާރުއަޅަނީ، ބޮޑާކަމާ ހަރުކަށިކަމާ ބޭއިންސާފު ދޫކޮށްލުމަށް. އަޅުގަނޑުމެންނާ އެއް ހަމައެއްގައި ވާހަކަދެއްކުމާ މަޝްވަރާ ކުރިއަށް ގެންދިއުން ޚިޔާރުކުރުމަށް. އަޅުގަނޑުމެން އުންމީދުކުރަނީ، މިހިނދު އުފެދިފައި މިއޮތް ނުތަނަވަސްކަން ކުޑަކޮށް، ދެ ފަރާތުގެ ގުޅުންތައް ހަމަމަގަށް އަޅުވައި، އެއްވެސް ދެބަސްވުމެއް ކުރިމަތިލުމެއް ނެތި، އެއްބަޔަކު އަނެއް ބަޔަކަށް އިޙްތިރާމްކޮށް، އެކަށޭނަ އެއްބާރުލުމެއް ދީގެން އެމެރިކާއިން އަޅުގަނޑުމެންނާ ގުޅިގެން މަސައްކަތްކުރާނޭކަމަށް. މިކަމުގެ ސަބަބުން ދެ ޤައުމުގެ ރައްޔިތުންގެ ގުޅިފައިވާ މަޞްލަޙަތުތަކަށް ފައިދާކުރާނެ. އަދި ބައިނަލްއަޤްވާމީ މުޖްތަމަޢުގެ އުންމީދުތަކާ އެއްގޮތަށް ކަންކަން ގެންދެވޭނެ.
ޝިންހުއާ:
ޗައިނާއާ އެމެރިކާގެ ގުޅުމުގައި ދިމާވި ބޮޑު މައްސަލައެއްގެ ގޮތުގައި ހޮންގކޮންގ ދާދިފަހުން ފާހަގަކުރެވުނު. ޤައުމީ ސަލާމަތުގެ ޤާނޫނަަށް ހޮންގކޮންގގައި ޢަމަލުކުރަން ނިންމުމަކީ، ހޮންގކޮންގ ހިންގުމަށް ޗައިނާއިން ކުރީއްސުރެ އެއްބަސްވެފައި އޮތް ”އެއް ޤައުމެއް ދެ ނިޒާމެއް“ގެ ސިޔާސަތަށް ޢަމަލުކުރުން ހުއްޓާލުންކަމަށް އެމެރިކާ ޤަބޫލުކުރީ. އަދި ހޮންގކޮންގއަށް ދަތިކުރުމުގެ އެތައް ފިޔަވަޅެއް އެޅީކަމަށް ޤަބޫލުކުރީ. ހޮންގކޮންގާ ގުޅުވައިގެން، އިތުރު މައްސަލަތަކެއް އެމެރިކާއިން ކުރިމަތިކޮށްފާނެކަމަށް މަނިކުފާނު ދެކެވަޑައިގަންނަވަމުތޯ؟
ޚާރިޖީ ވަޒީރު، ވަންގް ޔީ
ހޮންގކޮންގަކީ ޗައިނާގެ ބައެއް. ހޮންގކޮންގާ ގުޅޭ ކަންކަން ހިމެނޭނީ ޗައިނާގެ ދާޚިލީ މައްސަލަތަކުގެ ތެރޭގައި. ބައިނަލްއަޤްވާމީ ގުޅުންތަކުގެ އަސާސްތަކުގެ ތެރޭގައި ހިމެނޭ އެއްކަމަކީ، އެއް ޤައުމެއްގެ ދާޚިލީ ކަންކަމުގެ ތެރެއަށް އަނެއް ޤައުމަކުން ނުވަނުން. އެއްވެސް ޤައުމަކުން އެ ޤައުމެއްގެ ސިޔާދަތުގެ ބާރުކަނޑުވާލައި، އެ ޤައުމެއްގެ އެތެރެ ޚަރާބުކޮށް، އެ ޤައުމުގެ ސަރަޙައްދީ ސަލާމަތުގެ ކަންކަމުގެ ތެރެއަށް އެހެން ޤައުމަކުން ވަންނާކަށް ހުއްދައެއް ނުކުރާނެ. އަލިފުދާލުގެ އިންސާނީ ޙައްޤުތަކާ ބެހޭ މަޖިލީހުގެ އެންމެ ފަހުގެ ޖަލްސާގައި 70 އަށް ވުރެ ގިނަ ޤައުމުން ވަނީ ޗައިނާގެ އިންސާފުވެރި ނިންމުންތަކަށް ތާއީދުކޮށްފައި. ހޮންގކޮންގ މައްސަލައިގެ ނަމުގައި ޗައިނާގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަނުމާ ދެކޮޅު ހަދާފައި. މިކަމުން އެބަ ދައްކައިދޭ ބައިނަލްއަޤްވާމީ މުޖްތަމަޢު ބުރަވާ އަދި ޤަބޫލުކުރާ ގޮތް.
ޤައުމެއްގެ ގޮތުގައި ދެމިއޮތުމަށްޓަކައި ޤައުމީ ސަލާމަތާ ބެހޭ ޤާނޫނު ވަރަށް މުހިންމު. މިއީ ހުރިހާ ޤައުމެއްގައިވެސް ޢަމަލުކުރަމުން ގެންދާ ޤާނޫނީ ވަރަށް ޢާއްމު އުޞޫލެއް. ހޮންގކޮންގ ގައި ޤައުމީ ސަލާމަތާ ބެހޭ ޤާނޫނެއް ހިންގަން ފެށުމުން އެ ބައްދައިލެވުނީ، ގިނަ ޒަމާންތަކެއް ވަންދެން ހޮންގކޮންގގައި ހުރި ޤާނޫނީ ބާގަނޑުތަކެއް. މި ޤާނޫނުގެ ސަބަބުން، ”އެއް ޤައުމެއް، ދެ ނިޒާމެއް“ ގެ ސިޔާސަތު ޒަމާންތަކަށް ދެމިގެންދާނެހެން ހިންގައި، ހޮންގކޮންގ ގައި އަމާންކަމާ ހަމަޖެހުމާ ޤާނޫނުގެ ބާރުވެރިކަން އަބަދުވެސް ހިފެހެއްޓޭނެކަމުގެ ޔަޤީންކަން ލިބޭނެ. މި ޤާނޫނަށް ތާއީދުކޮށް ހޮންގކޮންގ ގެ އެތައް މިލިއަން ރައްޔިތުންނެއް ވަނީ ޕެޓިޝަނަކު ސޮއިކޮށްފައި. މިކަމުން ކަށަވަރުކޮށްދެނީ މި ޤާނޫނަށް ރައްޔިތުންގެ ތާއީދު އޮތްލެއް ބޮޑުކަމާ، ހޮންގކޮންގ ގެ ސަލާމަތާ ހަމަޖެހުން ރައްޔިތުން ބޭނުންވާ މިންވަރު.
”އެއް ޤައުމެއް، ދެނިޒާމެއް“ ގެ ސިޔާސަތާ އެއްގޮތަށް ޗައިނާ ޢަމަލުކުރާނެ. ޗައިނާގެ މައި ފަސްގަނޑުގެ ފުރިހަމަ އެހީތެރިކަމާ، ޤާނޫނީގޮތުން ފަހި މާޙައުލަކާ، އަދި ހޮންގކޮންގ ގައި ތިބި އަޅުގަނޑުމެންގެ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމާ އެކު، އެއް ޤައުމެއް ދެ ނިޒާމެއްގެ ސިޔާސަތު ވަރަށް ފުރިހަމައަށް އަޅުގަނޑުމެންނަށް ތަންފީޒުކުރަމުން ގެންދެވޭނެކަމުގެ ފުރިހަމަ އިތުބާރާ ޔަގީންކަން އެބައޮތް. ބުނާ ބަހަކުން ވިޔަސް، ކުރާ ޢަމަލަކުން ވިޔަސް، ހޮންގކޮންގ ގެ ކަންކަމުގެ ތެރެއަށް ކިތަންމެ ކުޑަކޮށް ނަމަވެސް ވަންނަން މަސައްކަތްކުރުން އެއީ، އެއް ޤައުމެއް ދެ ނިޒާމެއްގެ ގޮތުގައި ހިންގަމުން މި އަންނަ އުޞޫލު އަމާންކަމާއެކު ހިންގުމަށް ހުރަސް އެޅުން ނޫން އެހެންކަމަށް ނުވާނެ. އަޅުގަނޑުމެން ޗައިނާގެ ހުރިހާ ރައްޔިތުން، އޭގެ ތެރޭގައި ހޮންގކޮންގ ގެ ހުރިހާ ރައްޔިތުންވެސް ހިމެނޭހެން ނުކުމެ މި ފަދަ ކޮންމެ ކަމަކާ ވަރަށް ފާޅުގައި ދެކޮޅު ހަދާނަން.
”ޗައިނާއާ އެމެރިކާއަކީ އިޖްތިމާޢީ ގޮތުން ތަފާތު ދެ ނިޒާމެެް އޮތް، ތަފާތު ޘަޤާފަތަކާ ތަފާތު ތާރީޚެއް އޮތް ބޮޑު ދެ ޤައުމު. ދެ ޤައުމުންވެސް ބޭނުންވާ ކަންތައްތަކަކާ ކަންބޮޑުވާ ކަންތައްތަކެއް އެބަހުރި. މިއީ ޠަބީޢީކަމެއް. ނަމަވެސް އެންމެ މުހިންމުކަމަކީ، އެއްވެސް ފަރާތަކުން އެއްވެސް ވަގުތެއްގައި ވާހަކަދެއްކުމަށް ހުޅުވިފައިވާ ދޮރު ބަންދުނުކުރުން. ދެ ޤައުމުގެ މެދުގައި އޮތް ޑިޕްލޮމެޓިކް ގުޅުމުގެ މައްޗަށް ގަދަވެގަތުމުގެ ޖާގަ ދެބަސްވުންތަކާ، ކުށްހީތަކާ، ވާދަވެރިކަމަށް ދީގެންނެއް ނުވާނެ.“ – ޚާރިޖީ ވަޒީރު ވަންގް ޔީ