1932 ވަނަ އަހަރު ޝަންގޚާއީގެ އޮރިއެންޓަލް މެގަޒިންއިން ޗައިނާގެ އެކި ހިސާބުތަކުގެ މީހުނަށް ޚިޔާލު ހޯދުމުގެ ބައްދަލުވުމަކަށް ދައުވަތު ދިނެއެވެ. މި ބައްދަލުވުމުގައި ޗައިނާގެ މަޝްހުރު އިލްމީ އެތައް ބޭފުޅުންނެއް ބައިވެރިވެވަޑައިތަވެ. އަދި އެބޭފުޅުން ވަނި ޗައިނާގެ ކުރިމަގާ ބެހޭގޮތުން 244 މަޒުމޫނު ލިޔުއްވާފައެވެ. މީގެ ތެރެއިން އެންމެ ގިނަ ބައެއްގެ ތަރުހީބު ލިބުނީ ޖިއާން ޔުނިވަރސިޓީގެ ޕްރޮފެސަރު ޒޫ ގުޗެންގް ގެ މަޒުމޫނަށެވެ. އެ ބޭފުޅާގެ މަޒުމޫނުގައި ވިދާޅުވެފައިވާ ގޮތުގައި، ޗައިނާގެ މުސްތަގްބަލުގައި އެންމެ ދެކެން ބޭނުންވަނީ ޗައިނާގެ ކޮންމެ ރައްޔިތަކީވެސް ފާޚާނާތައްޓެއް ބޭނުންކުރެވޭހާ ފުދުންތެރި ރައްޔިތަކަށް ވެފައިވާ ދުވަހެވެ.
މިއީ އޭގެ ހަތްދިހަވަރަކަށް އަހަރުފަހެވެ. 2017 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ބޭއްވުނު 19 ވަނަ ސެންޓްރަލް ލީޑިންގް ގްރޫޕް ފޯ ކޮންޕްރިހެންސިވްލީ ޑީޕްނިންގް ރިފޯރމް ގެ ބައްދަލުވުމެއްގައި ވަނީ ޗައިނާގެ ރަށްފުށު ހިސާބުތަކުގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށް ތިން އަހަރު ދުވަހުގެ ދުރު ރާސްތާ ޕްލޭނެއް ފާސްކޮށްފައެވެ. ޗައިނާގެ ރައީސް ޝީ ޖިންގްޕިންގ ރިޔާސަތު ބެލެހެއްޓެވި މި ބައްދަލުވުމުގައި ފާސްކުރި ބިލުގެ ސަބަބުން ވަނީ އެގައުމުގެ ރަށްފުށު ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާއަށް ހައްލެއް ލިބިދާނެ ކަމުގެ ކޮޅުމަތި ފެނިފައެވެ. އެއީ ރަށްފުށު ހިސާބުތަކުގައި ފާހާނާ ގާއިމްކުރުމުގެ މަސައްކަތެކެވެ. ޗައިނާގެ ”ޓޮއިލެޓް ރިވޮލިއުޝަން“ ގެ ހަގީގީ ފެށުމަކީ މިއީއެވެ.
މިއަދު ޗައިނާގައި ފާޚާނާ ތަށްޓެއް ނެތް ގެއެއް މަދެވެ. އަދި ޗައިނާގެ އެކި ހިސާބުތަކުގައި އާންމު ފާޚާނާތައް ގާއިމްކުރެވިފައި އެބަހުއްޓެވެ. އެގައުމުގެ ގިނަ ރައްޔިތުން ފާހަގަކުރާ ގޮތުގައި ޗައިނާގެ މި އިންގިލާބުގެ އަސްލަކީ 2017 ވަނަ އަހަރުގެ ރައީސް ޝީ ޖިންގްޕިންގ ގެ މޭސްތިރިކަމުގައި ފާސްކުރެވުނު ބިލެވެ. އެގޮތުން މިއަދު ޗައިނާގެ ބިޔަ އާބާދީގެ 90 އިންސައްތަ ރައްޔިތުންނަކީ ކޮންމެވެސް ސިފައެއްގައި ފާޚާނާއެއްގެ ޚިދުމަތް ލިބޭ ބަޔަކަށް ވެގެން ހިނގައްޖެއެވެ.
ދުނިޔޭގެ ޓޮއިލެޓް އޯގަނައިޒޭޝަންގެ ހިސާބުތަކުން ދައްކާ ގޮތުގައި ދުނިޔޭގެ އެކި ގައުމުތަކުގައި ފާޚާނާއެއްގެ ޚިދުމަތް ނުލިބޭ 2.4 ބިލިއަން މީހުން ދިރިއުޅެއެވެ. މިކަމުގެ ސަބަބުން އެތައް ބަޔަކު ނުރައްކާތެރި އެތައް ބައްޔަކަށް ހުށައެޅިފައިވާއިރު ދުނިޔޭގެ ގިނަ ގައުމުތަކުން މި މައްސަލައަކީ ހައްސާސް މައްސަލައެއްގެ ގޮތުގައި އަދިވެސް ބަލައިނުގަންނަ ކަމަށް ޓޮއިލެޓް އޯގަނައިޒޭޝަނުން ފާހަގަކުރެއެވެ. އެހެން ނަމަވެސް ގައުމެއްގެ ފުދުންތެރިކަމަކީ އެގައުމެއްގެ ރައްޔިތުންގެ ފުދުންތެރިކަމެވެ. އަދި ރައްޔިތުންގެ ފުދުންތެރިކަން ގުޅިފައިވަނީ އެރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރާއެވެ. އެހެންކަމުން 1932 ގައި ޗައިނާގައި ފެށުނު ”ޓޮއިލެޓް ރިވޮލިއުޝަން“ ގެ ޚިޔާލަކީ އެގައުމު ފަދައިން ކުރިއެރުމަށް ބޭނުންވާ ގައުމުތަކުން އިބުރަތް ހާސިލުކުރުން އެންމެ ރަނގަޅު އެއް މިސާލެވެ.