މިއީ ޗައިނާގެ 10000 (ދިހަ ހާސް) އަހަރަށް ވުރެ ފަޚުރުވެރި ދިގު ތާރީޚު ޚުލާސާކޮށް ދިވެހިބަހުން ލިޔެފައިވާ ސިލްސިލާ ލިޔުންތަކެކެވެ. މި ލިޔުންތަކުގެ ދެވަނަ ބައިގައި މި ބަލައިލަނީ މީލާދީ ތާރީޚު ޖަހައިއުޅުމުގެ މާކުރީން ޗައިނާގައި ރަސްކަންކުރި ޗިން ދަރިކޮޅުގެ ރަސްކަމުންގެ ޒަމާނުން ފެށިގެން، މީލާދީން 618 ވަނަ އަހަރާ ހަމަޔަށް ޗައިނާގައި ރަސްކަން ކުރި ސުއީ ދަރިކޮޅުގެ ރަސްކަމުގެ ޒަމާން ނިމެންދެން ޗައިނާގެ ތާރީޚުގައި ހިނގައިދިޔަ މުހިންމު ކަންކަމަށެވެ. މި ދޭތެރޭ ހިނގި އަހަރުތަކުގައި މުޅި ޗައިނާގެ މައްޗަށާ އަދި ޗައިނާގެ އެކި ހިސާބުތަކަށް ބާރު ފޯރާ ގޮތަށްވެސް ތަފާތު ރަސްކަންތައް ހިނގާފައިވެއެވެ.
ޗިން ދަރިކޮޅު
ޗިން ދަރިކޮޅުގެ ރަސްކަން ވެގެން ދިޔައީ، ވަށައިގެން ހުރި ޤައުމުތަކަށާ، ދުނިޔެއަށްވެސް ނުފޫޒު ފޯރުވޭނެވަރުގެ ފުރަތަމަ އަންބަރުޒޯރާ (އެމްޕެރަރ) ޗައިނާގައި ޤާއިމުކޮށްދިން ރަސްކަން ކަމުގައެވެ.
އަންބަރުޒޯރާ ހިންގުމުގައި ޢަސްކަރީބާރާ މަދަނީޚިދުމަތުގެ ބާރުތައް ވަކިކޮށްލިއެވެ. މަދަނީ ޚިދުމަތް ރައްޔިތުންނަށް ދިނުމަށް ސިވިލް ސަރވިސް ނިޒާމެއް އެކުލަވާލައި، މި ޚިދުމަތް ދިނުމަށް 34 ބަޔަކަށް ޗައިނާ ބަހައިލިއެވެ. ޗައިނާ ބޮޑުފާރު ބިނާކުރަން މި އެމްޕެރަރއިން ފެށިއެވެ.
އެމްޕެރަރ ޝިން ޑީ ހުއަންޑީ އަވަހާރަވިތާ ގިނަދުވަހެއް ނުވެ، ޗައިނާގެ އެމްޕެރަރގެ ބާރުތައް ޝާހީ އެހެން ދަރިކޮޅެއް ކަމުގައިވާ ހަން ދަރިކޮޅަށް ނަގުލުވިއެވެ.
ހަން ދަރިކޮޅު
ހަން ދަރިކޮޅުގެ އަންބަރުޒޯރާ މީލާދީ ތާރީޚު ޖަހައި އުޅުމުގެ 202 އަހަރު ކުރީން ފެށި، މި އަންބަރުޒޯރާގެ ބާރުވެރިކަން މީލާދީ 220 ވަނަ އަހަރާ ހަމަޔަށް، (އެކުޖުމްލަ 400 އަހަރަށްވުރެ ގިނަ ދުވަހަށް) ދެމިގެންދިޔައެވެ. މި ދަރިކޮޅުގެ ރަސްކަމުގައި ައިނަލްއަޤްވާމީ ބާޒާރަށް ޗައިނާގެ އުފެއްދުންތައް ކަނޑުދަތުރުގެ މަގުން ފޯރުކޮށްދޭ މައިމަގު، ސިލްކްރޫޓް ހޯދިއެވެ. ޤައުމުތަކަށް ފަސޭހައިން ދަތުރުފަތުރުކުރެވޭ މިމަގު މީލާދީގެ 125 އަހަރުކުރީން ޗައިނާއިން ހޯދީ، 13 އަހަރުދުވަހު މިކަމަށްޓަކައި ކަނޑުދަތުރުކޮށް ޗާޓްކުރަހައި، ދަތުރުފަތުރު ފަސޭހަވާނެ މަގުތައް ބަލައިގެންނެވެ.
މީލާދީގެ 104 އަހަރުކުރީން ޗައިނާގައި ޢަމަލުކުރާ މަޝްހޫރު ޗައިނީޒް ކަލަންޑަރު އުފައްދައި އަހަރުތަކާ ދުވަސްތައް ގުނުމުގައި އެ ކަލަންޑަރު ބޭނުންކުރަން ފެށިއެވެ. މީލާދީން 105 ވަނަ އަހަރު ޗައިނާގެ ސިވިލްސަރވިސް މުވައްޒަފެއްކަމަށްވާ ޝައި ލުން ދުނިޔެއަށް ދިން އަގުހުރި ހަދިޔާ ކަރުދާސް އީޖާދުކުރިއެވެ. ކަރުދާސް އީޖާދުވުމުގެ ކުރީގައި އިންސާނުން ލިޔެ އުޅުނީ އޮނާ، ލަކުޑިއާ، ފަށުއި ފޮއްޗާ، ރުކުގެ އެތް ފަދަ އެއްޗެހީގައެވެ.
ކަރުދާސް އުފެދުމާ ގުޅިގެން، ކަރުދާހުގައި ލިޔެގެން ޗައިނާގައި އެކުލަވާލެވުނު އެންމެ ފުރަތަމަ ފޮތްތަކުގެ ތެރޭގައި ސޫ ޝަން ކިޔާ ޢިލްމުވެރިއަކު ލިޔުއްވި ފުރަތަމަ ޗައިނީޒް ބަސްފޮތް، އަދި ޗައިނާގެ ގަދީމީ ތާރީޚު އިލްމުވެރިޔާ ސިމާ ކިޔަން ލިޔުއްވި ޗައިނާގެ ތާރީޚު ފޮތް ހިމެނެއެވެ.
ހަން ދަރިކޮޅުގެ އަންބަރުޒޯރާގެ ޒަމާނުގައި މީލާދީން 2 ވަނަ އަހަރު ޗައިނާގައި ވަނީ ބޯހިމަނާފައެވެ. ހިސާބުތަކުން ޗައިނާގެ އާބާދީގައި އޭރުވެސް 57 މިލިއަން މީހުން ތިބިކަމަށް ދެއްކިއެވެ.
ތިން ރަސްކަން
މީލާދީން 420 ވަނަ އަހަރުން ފެށިގެން ޗައިނާ އޮތީ 3 ބަޔަށް ބައިވެ ތަފާތު 3 ރަސްކަމަށްވެފައެވެ. ކޮންމެ ރަސްކަމެއްގެ ކޮއިލުތެރޭވެސް ބާރުވެރިކަން އޮތީ ޢަސްކަރީ ޖެނެރަލުންގެ އަތްމަތީއެވެ. މިގޮތުގައި ސާޅީހަކަށް އަހަރަށްވުރެ ދުވަސްވުމަށް ފަހު، އަނެއްކާވެސް މުޅި ޗައިނާ އެއްގަލަކަށް އަރުވާނެ ބާރެއް އުފެދުނެވެ. އެއީ ޖިން ދަރިކޮޅެވެ.
ޖިން ދަރިކޮޅާއި ރަސްކަން ބައިބައިވުން
ޖިން ދަރިކޮޅުގެ ރަސްކަން ފެށި، މުޅި ޗައިނާ އެއްގަލަކަށް އަރުވައި އަންބަރުޒޯރާ ހިފެހެއްޓޭތޯ ބެލުމުގައި އެ ދަރިކޮޅުގެ ރަސްރަސްކަލުން 160 އަހަރަށް ވުރެ ގިނަ ޒަމާނު ސިލްސިލާކޮށް މަސައްކަތް ކުރެއްވިއެވެ. ނަމަވެސް ކުދި ރަސްކަންތަކާ، އަމިއްލަ ވަކި ލާމަރުކަޒީ ބާރުތައް ޗައިނާގެ އެތަންމިތާ ހަދައި، ރަސްކަމުގެ ފުރިހަމަ ކޮންޓްރޯލް ދިޔައީ ގެއްލެމުންނެވެ.
އެންމެފަހުން ޖިން ދަރިކޮޅުގެ ބާރުވެރިކަން އެކީ ގެއްލި، ޗައިނާގެ ރަސްކަމާ ދަޢުވާކުރާ ދަރިކޮޅުތައް ގިނަވެ، ތަފާތު 16 ރަސްކަން ޗައިނާގެ އިމުގެ ތެރޭ ހިނގަން ފެށިއެވެ. މީލާދީން 420 ވަނަ އަހަރުން ފެށިގެން، 140 އަހަރަށް ވުރެ ގިނަ ދުވަހަށް މި ބައިބައިވުން ދެމިގެން ދިޔައެވެ.
ސުއީ ދަރިކޮޅު
މީލާދީން 580 ވަނަ އަހަރު އެމްޕެރަރ ވެން ގެ ރަސްކަމުގެ ދަށުގައި ބިންގައު އެޅުނު ސުއީ ދަރިކޮޅުގެ ރަސްކަމުގެ ބާރު ހިނގާ ސަރަޙައްދު ބޮޑުވެ، ވަކިވަކި ކުދި ރަސްކަންތަކުން މި ދަރިކޮޅާ ބައިޢަތު ހިފަމުންގޮސް، އަށެއްކަ އަހަރުތެރޭ އެއްބައިވަންތަ ޗައިނާއެއްގެ އައު އަންބަރުޒޯރާއެއްގެ ގޮތުގައި ސުއީ ދަރިކޮޅުގެ ރަސްކަން ޗައިނާގެ ރައްޔިތުން ޤަބޫލުކޮށްފިއެވެ.
ސުއީ ދަރިކޮޅުގެ އަންބަރުޒޯރާ ދެމިއޮތީ މީލާދީން 618 ވަނަ އަހަރާ ހަމައަށެވެ. ދައުލަތް ހިންގުމުގައި މިނިސްޓްރީތަކާ ޑިޕާޓްމަންޓުތައް އުފައްދައިގެން ކަންކަން ތަރުތީބުކުރުން ޗައިނާއަށް ތަޢާރަފްކުރީ މި ރަސްކަމުގައެވެ.