މިއީ ޗައިނާގެ 10000 (ދިހަ ހާސް) އަހަރަށް ވުރެ ފަޚުރުވެރި ދިގު ތާރީޚު ޚުލާސާކޮށް ދިވެހިބަހުން ލިޔެފައިވާ ސިލްސިލާ ލިޔުންތަކެކެވެ. މި ލިޔުންތަކުގެ ފުރަތަމަ ބައިގައި މި ބަލައިލަނީ އެންމެ ޤަދީމީ ތާރީޚުގައި އެނގެން އޮތް ޗައިނާގެ ވާހަކަތަކުން ފެށިގެން، ޗައިނާގައި ފުރަތަމަ ރަސްކަންކުރިކަން އެނގެން އޮތް ޝިއާ ދަރިކޮޅުގެ ރަސްކަމާ، އޭގެފަހަށް ރަސްކަމުގެ ތަޚުތުގައި ރެނދަލިކުރި ޝާންގް ދަރިކޮޅާ، ޖޯވ ދަރިކޮޅާ، އަދި އޭގެ ފަހުން ކޯޅުންތައް ގިނަވެ ރަސްކަން ބައިބައިވެގެން ދިޔަގޮތުގެ މައްޗަށެވެ.
އެންމެ ޤަދީމީ ޗައިނާ
ޗައިނާ ނުވަތަ ސީނުކަރައަކީ ދުނިޔޭގެ އެންމެ ޒަމާންވީ ޤަދީމީ ޙަޟާރަތްތަކުގެ ތެރެއިން އެއް ހަޟާރަތެވެ. ޗައިނާގެ ފަސްގަނޑުގައި މީހުން އާބާދުވެ އުޅެން ފެށި ސީދާ ޒަމާނެއް އެނގެން ނެތް ނަމަވެސް، މީގެ އެއް މިލިއަން އަހަރަށްވުރެވެސް ކުރީން ޗައިނާގެ ފަސްގަނޑުގައި މީހުން އުޅެފައިވާކަމުގެ ހެކިތައް ފެންނާން އެބަހުއްޓެވެ. މީލާދީ ތާރީޚު ޖަހަން ފެށުމުގެ 10000 (ދިހަހާސް) އަހަރު ކުރިން ފެންނަން ހުރި ތާރީޚީ އަސަރުތަކުން އެނގޭގޮތުގައި، ޗައިނާގެ ބިމަކީ ހަނޑުލުގެ ދަނޑުވެރިކަން ކުރާ ބިމެކެވެ. މީގެ އިތުރުން ޗައިނާގެ އެންމެ ޤަދީމީ ކާބަފައިންނަކީ މުށީން ތަކެތި އުފެއްދުމާ، އަތްތެރި މަސައްކަތާ، ލޮއި ވިރުވައި އަޅައިގެން އެކި ކަހަލަ އާލާތްތައް އުފެއްދުމުގައި ހުނަރުވެރި ބަޔެކެވެ.
ޝިއާ ދަރިކޮޅު
ޗައިނާގައި ރަސްކަން ހިންގިކަމަށް ތާރީޚުން ފެންނަން އޮތް އެންމެ ޤަދީމީ ދަރިކޮޅަކީ ޝިއާ ދަރިކޮޅެވެ. އެއީ މީލާދީ ތާރީޚު ޖަހައި އުޅުމުގެ 2000 އަހަރު ކުރީންނެވެ. 400 އަހަރަށް ދެމިގެންދިޔަ ޝިއާ ދަރިކޮޅުގެ ރަސްކަމުގެ ފަހުކޮޅު، ރަސްކަމުގެ ބާރުތައް ބަލިވެ، ޝާންގް ދަރިކޮޅުގެ އަތްމައްޗަށް ޗައިނާގެ ރަސްކަން ފުރޮޅިގެން ދިޔައީއެވެ.
ޝާންގް ދަރިކޮޅު
ޝާންގް ދަރިކޮޅުގެ ރަސްރަސްކަލުން ޗައިނާގެ ސިންގާސަނާގައި ރެނދަލިކުރައްވަން ފެށްޓެވީ މީލާދީގެ 1600 އަހަރު ކުރީންނެވެ. މި ރަސްދަރިކޮޅުން 31 ރަސްކަލުން ތަޚުތުގައި ރެނދަލި ކުރެއްވިކަމަށް ބުނެެވެއެވެ. ޝާންގް ދަރިކޮޅު ރަސްކަމުގެ ޒަމާނުގައި ޗައިނާގައި ފަށުވި އުފައްދަން ފެށިއެވެ. ކަނބުރުވެރިކަން ކުރިއަރައި ދަގަނޑުގެ އުފެއްދުންތަކަށް ޗައިނާމީހުން މޮޅުވާން ފެށިއެވެ.
ޖޯވ ދަރިކޮޅު
މީލާދީ ތާރީޚު ޖަހަން ފެށުމުގެ ގާތްގަނޑަކަށް 1050 އަހަރުކުރިއާ ހަމަޔަށް ޝާންގް ދަރިކޮޅުގެ ރަސްކަން އައިއިރު، ޝާހީ އެހެން ދަރިކޮޅެއް ކަމަށްވާ ޖޯވ ދަރިކޮޅުގެ އަތްމައްޗަށް ރަސްކަން ބަދަލުވެގެން ހިނގައްޖެއެވެ.
މި ދަރިކޮޅުގެ ރަސްކަމުގައި، ފައިސާފޮތި ޗައިނާގައި ބޭނުންކުރަން ފެށިއެވެ. އަތްވާއި ވާރެއިން ހިޔާވުމަށް ކުޑަ އުފައްދައި ފުރަތަމަ ބޭނުންކުރަން ފެށީ މި ޒަމާނުގައި އުޅުނު ޗައިނާ މީހުންނެވެ. ދުނިޔޭގައި ހަނގުރާމައިގެ ހުނަރުތަކާ ބެހޭ ފޮތެއް ފުރަތަމަ ފަހަރަށް ލިޔުނީ މި ޒަމާނުގެ ޗައިނާގެ ޢަސްކަރީ ޖެނެރަލެއް ކަމުގައިވާ ސުންޒީއެވެ. ޗައިނާގެ އޭރުގެ ސިފައިންވަނީ، ހަނގުރާމައިގާ ދުނިދަނޑިވެސް އީޖާދުކޮށްފައެވެ. ޗައިނާގެ ގްރޭޓް ކެނަލް ހަދަން ފެށީ މި ދަރިކޮޅުގެ ރަސްކަމުގައެވެ.
ރަސްްކަމުގެ ނިޒާމު ބައިބައިވުން
ޖޯވ ދަރިކޮޅުގެ ރަސްކަމުގެ ބާރުތައް ހިނގާ ވެރިރަށުގެ ގޮތުގައި ޗައިނާގެ ޝެންގޒޯ އޮއްވައި، އެ ސަހަރުގެ ވަށައިގެން ކުދިކުދި އެހެން ބާރުތައް އުފެދެން ފެށިއެވެ. މީލާދީގެ ކުރީގެ 722 ވަނަ އަހަރުން ފެށިގެން ހިނގަން ފެށި މި ސިޔާސީ ބައިބައިވުން ފުޅައުވަމުން ގޮސް، ވަކިވަކި 170 ވަރަކަށް ނުވަތަ ސަހަރަށް ޗައިނާ ބައިބައިވިކަމަށް ތާރީޚް ފޮތްތައް ބުނެއެވެ.
ގާތްގަނޑަކަށް 300 އަހަރަށްވުރެ ގިނަ ދުވަހަށް ދެމިގެންދިޔަ މި ބައިބައިވުމަށްފަހު، ކުދި ސަރަޙައްދުތަކާ ވެރިކަންތައް އެއްވަމުން އެއްވަމުން ގޮސް، މީލާދީގެ ކުރީގެ 400ގެ އަހަރުތަކުގައި، މުޅި ޗައިނާގެ އެކި ހިސާބުގައި ތަފާތު 8 ރަސްކަމެއް، އޭގެ ފަހުން ތަފާތު 7 ރަސްކަމެއް ހިނގަން ފެށިއެވެ.
މި ރަސްކަންތައް ހިނގި ޒަމާނުގައިވެސް އިންސާނިއްޔަތަށް ފައިދާހުރި އެތައްކަމެއް ޗައިނާގެ ބިމުން އުފަންވިއެވެ. އޭގެ ތެރޭގައި އަހުގައި ލަގަން އަޅުވަން ފެށުން ހިމެނެއެވެ. މިކަމުގެ ތާރީޚް ދަނީ މީލާދީގެ 300 އަހަރު ކުރިއަށެވެ.
ވަކިވަކި ރަސްކަންތަކުގެ ގޮތުގައި އޮތް މި ބައިބައިވުމުގެ މައްޗަށް ޗިން ދަރިކޮޅު ބާރުގަދަކުރަމުން ގޮސް، މީލާދީގެ ކުރީގެ 221 ވަނަ އަހަރު މުޅި ޗައިނާގެ ބާރު ޗިން ދަރިކޮޅުގެ ޝިން ޑީ ހުއަންޑީ ރަސްގެފާނު ނެންގެވިއެވެ.